ކުރިއެރުމާއި މަތީ މަގާމުތައް ހޯދައިދިން މީހުންނަށް ހަރާންކޯރުވުމަކީ މިހާރު ސިޔާސީ މައިދާނުގައި ކުރިއަރަން އޮތް ހަރުގަނޑަށް ހަދައިފި ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ފާޑުވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު އއ. މަތިވެރީގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން މިނިސްޓަރު ސައީދަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. މިނިސްޓަރު ސައީދަކީ މީގެ ކުރިން ގާސިމްގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ގިނަ ދުވަސްތަކެއް ފުރާފައިވާ ބޭފުޅެކެވެ. ސައީދަށް މިނިސްޓަރު ކަން ލިބިވަޑައިގެންފައިވަނީ ޖޭޕީގެ ސްލޮޓެއްގައި ނިކުމެވަޑައިގެން ގާސިމްގެ އެންޑޯސް ކުރުމުންނެވެ. ނަމަވެސް މިނިސްޓަރު ސައީދު ވަނީ ފަހުން ޖޭޕީ ދޫކޮށް ސަރުކާރުގެ މައި ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
އެކަމަށް ނުސީދާކޮށް އިޝާރަތް ކުރައްވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، "ތިމާއަށް ކުރިއެރުމާއި މަތީ މަގާމު ޝަރުތުތައް ހޯދައިދިން ބަޔަކަށް ހަރާންކޯރުވުމަކީ މިއަދުގެ ސިޔާސީ މައިދާނުގަ ކުރިއެރުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ،" ކަމަށެވެ.
އެކަން އެހެން ކުރި ބަޔަކަށް އަންނަން އޮތް ޖީލުތަކުގެ މަލާމަތް ރައްދުވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވެސް ވަނީ އެކަމާ ފުސް އަސަރެއް ކުރުމާ ގުޅިގެން ޓްވީޓެއް ކުރައްވާފަ އެވެ. ގާސިމް ވިދާޅުވީ، ކުއްތާ ވެސް އޭތި ބަލަހައްޓާ މީހާގެ ފުރާނަ ސަލާމަތް ކުރަން ފުރާނަ ވެސް ދުއްވާލާ ކަމަށެވެ. އަދި ރާމާ މަކުނު ވެސް އެއަށް ހެޔޮ ކަމެއް ކޮށްދޭ މީހާ ދަންނަ ކަމަށް ވެސް ވިދާޅުވި އެވެ. "އެކަމަކު" އެހެން، ވިދާޅުވެ އެމަނިކުފާނުގެ ޓްވީޓް ކުރުކޮށްލެއްވި އެވެ.
ގާސިމް އަށް އަމާޒުކޮށް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ، ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން ރާއްޖޭގެ އެއްވެސް ރަށެއް ނުވަތަ އަތޮޅެއް ހުންނަ ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، އއ. އާއި އދ. އަތޮޅުގެ ތަރައްގީ އަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރައްވާފައިވަނީ އަމިއްލަ ވިޔަފާރި އާއި އަމިއްލަ ވެރިކަމުގެ ބޭނުމުގައި ކަމަށެވެ.
ހަރާންކޯރުވުމަކީ ކުރިއަރަން އޮތް ހަރުގަނޑަށް ހަދައިފި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ