މޫސުން އަންނަނީ ރަނގަޅު ވަމުން، އެކަމަކު ކަނޑު ގަދަވާނެ: މެޓް

ރާއްޖޭގެ މޫސުން މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށާއި ނަމަވެސް ކަނޑުތައް އަދިވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ނަމަވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ވައި ގަދަވެ ގުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ، ވައި ޖެހޭނީ ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދު ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށެވެ. އަދިވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ރާއްޖެ އާއި ސްރީލަންކާއާ ކައިރިން އިންޑިއާ ކަނޑުގައި އުފެދުނު ކޮޅިގަނޑު "އޯޗީ" އާ ގުޅިގެން މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށްވަނީ ގެއްލުންވެފަ އެވެ. އެގޮތުން ފެން ބޮޑުވެ، ގިނަ ގޭގެއަށް ފެންވަދެ ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ވަނީ އުދައިގެ އަސަރުވެސް ވަރަށް ބޮޑަށް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ