ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ނުހުންނާނެ ކަމަށާއި އެ ކޮމިޝަންގެ "ބެލުމުގެ ދަށުގައި" ހުރި ކަމަށް ވިދާޅުވީ އެއީ ތަހުގީގު ނިމެންދެއް އެ ފައިސާގައި އަތް ނުލާ އެމަނިކުފާނުގެ އެކައުންޓުގައި ހިފަހައްޓާފައި އަދިވެސް ހުރި ވާހަކަ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލިޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަމާ ކުރި ކަމަށް ބުނާ އެސްއޯއެފްގެ އެއް މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން "އަވަސް" އާ ވާހަކަ ދެއްކެވި މެންބަރަކު ވަނީ އޭސީސީގެ ބެލުމުގެ ދަށަށް އެއްވެސް ފައިސާއެއް ގެނެސްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލަ އޮޅުން ފިލުވައި ދިނުމަށް ނިހާން މިރޭ ނިހާން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފައިސާތައް އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އޭގެ އެހެން މާނައެއް ދޭހަވާ ގޮތަކަށް ކަމަށެވެ.
އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވީ އެއީ އެއް މިލިއަން ޑޮލަރުގެ މައްސަލައި ތަހުގީގު އަދިވެސް ނުނިމޭތީ އެ ފައިސާގައި އަތް ނުލައި އިސްލާމިކް ބެންކުގައި އަދިވެސް ހުރި ވާހަކަ ކަމަށެވެ. އަދި އެ ފައިސާ ބޭނުން ކުރެވޭނީ ނުވަތަ ސަރުކާރާ ހަވާލު ކުރެވޭނީ ވެސް އެ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށާއި އޭގެ ކުރިން އެ ބޭނުން ނުކޮށް ހުރި ގޮތަށް އެކައުންޓުގައި ބަހައްޓާފައި ހުރީ ކަމަށެވެ.
"އޭސީސީއަކީ މީހުން ޖަމާކޮށްފައި ހުރި ފައިސާ ރައްކާކުރާ ތަނެއް ނޫން، އެއީ އެ މީހުންނާ ގުޅުން ހުރި ކަމެއް ނޫން އެކަން ކުރާނީ މީރާ ފަދަ ތަންތަނުން،" ނިހާން ވިދާޅުވި އެވެ. "އެ މައްސަލަ ފައިލް ކޮށްފައިވީ ނަމަވެސް އެ މައްސަލައިގެ ތަހުގީގެއް ނުނިމޭ! ސުވާލު ކުރަން ޖެހޭ ފަރާތްތައް ރާއްޖޭގައި ނެތީމަ ސުވާލު ނުކުރެވިފައިވާ ވަނީ،، އެހެންވެ އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައެއް މި ބުނަނީ އެއީ އެ މައްސަލަ ވަގުތީ ގޮތުން ބަންދު ކޮށްފައިވާތީ، އެ ހުރީ އަދިވެސް ހުރި ގޮތަށް އަތް ނުލައި،"
ނިހާން ވިދާޅުވީ އެއް މިލިއަން ޑޮލަރުގެ މައްސަލަ ފެންމަތިވުމާއެކު އެ ފައިސާ ނުނަގަން އޭސީސީން ރައީސް ޔާމީނަށް އަނގާފައިވާ ކަމަށެވެ. އެ މައްސަލާގައި ނުނިމޭތީ އެއީ ރައީސް ޔާމީންގެ ފައިސާއެއް ކަމެއް ނުވަތަ އެމްއެމްޕީއާރްސީގެ ފައިސާއެއް ކަމެއް ނޭނގޭ ކަމަށާއި އެކަން ސާފުވާ ދުވަހަކު އެއީ އެމްއެމްޕީއާރްސީގެ ފައިސާއެއް ނަމަ ސަރުކާރާ ހަވާލު ކުރަން ނިންމާނެ ކަމަށެވެ. ނަމަވެސް އަދި ވަކި އެއްޗެއް ނޭނގޭތީ އެ ފައިސާގައި ހުރި ގޮތަށް އެކައުންޓްގައި ބަހައްޓާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށްފަހު އޭސީސީން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، މައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސްގެ ނަމުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ޕްރައިވެޓް ކުންފުންޏަކުން ފަސް ލައްކަ އެމެރިކާ ޑޮލަރު 13 އޮކްޓޫބަރު 2015 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު 15 ދުވަހު އަނެއްކާ ވެސް ފަސް ލައްކަ ޑޮލަރު ރައީސްގެ އެކައުންޓަށް އެ ކުންފުނިން ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
އެއީ ޖުމްލަ އެއް މިލިއަން ޑޮލަރެވެ. އެއީ ރުފިޔާ އިން ބަލާއިރު، 15.4 މިލިއަން ރުފިޔާ އެވެ. މައްސަލައާ ގުޅިގެން ރައީސް އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ތަހުގީގުގައި ސުވާލުކޮށްފައިވާނެ ކަމަށް އޭސީސީއިން ބުނެ އެވެ.
އޭސީސީއިން އިތުރަށް ބުނެފައިވަނީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވި ތަހުގީގު ފުރިހަމަ ކުރެވޭނީ ރައީސް ޔާމީން އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނީގެ ވެރިން ތަހުގީގަށް ހާޒިރުކުރެވި އެފަރާތްތަކުގެ ބަސް ހޯދައިގެން ކަމަށެވެ. އެފަރާތްތައް ހާޒިރުކުރެވެންދެން މައްސަލަ ފައިލްކުރުމަށް އޭސީސީއިން ވަނީ ނިންމާފައި ކަމަށް ރިޕޯޓްގައިވެ އެވެ. އެކަން ނިންމީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
"ފައިސާ ހުރީ އޭސީސީއަކު ނޫން، އެކައުންޓްގައި ހިފަހައްޓާފައި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ