ވަޒީރުން މަޖިލީހަށް ހާޒިރުވެ ދޮގު ހައްދަވައި، މުހިންމު ސުވާލުތަކަށް ޖަވާބުނުދެއްވާތީ އެމްޑީޕީގެ ކަންބޮޑުވުން

މަޖިލީހުގެ މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް ހާޒިރުވާ ވަޒީރުންނާ އެމްޑީޕީގެ މެންބަރުން ކުރައްވާ ސުވާލުތަކަށް އެ ވަޒީރުން ޖަވާބުދެއްވާ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ އެމްޑީޕީ މެންބަރުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުނުދެއްވަނީ ސަރުކާރުން ރާވައިގެން ކަމަށެވެ. މިހާރު ހިނގާ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމުން، ޖަވާބުނުދެއްވި ނަމަވެސް، އެމްޑީޕީގެ ވެރިކަމުގެ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމުން ބަރާބަރަށް ޖަވާބުދެއްވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ވަގުތު ގައުމުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އަޅުގަނޑުމެން ސުވާލު މިކުރަނީ، ޖަވާބު ހަމަ ވަރަށް ރީތިކޮށް ދެވޭނެ ހަމަ ގުޅުން ނެތިއްޔާ ނުދޭން، އެހެން ނަމަވެސް، މިއަދު ރައްޔިތުންނަށް އެނގިގެން މިދަނީ މިއީ ރޭވުމެއްގެ ތެރެއިން ކުރަމުންދާ ކަމެއްކަން،" ފިއްޓެ ވިދާޅުވި އެވެ.
ވަޒީރުން އަމަލުކުރާ ގޮތުގެ ސަބަބުން މަޖިލީހުގެ ދައުރު އަދާކުރަން ދަތިވާ ކަމަށް ވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.
"އަދި މީގައި އެންމެ ހިތާމަުރަންޖެހޭ ކަމަކީ ރައްޔިތުންފނާ ގުޅުންހުރި މިހައި މުހިންމު ސުވާލުތަކުގައި ވަޒީރުން ޖަވާބުނުދެއްވީމާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެކަމާ އުފާކޮށް އަތްޖަހާ އެބަ. މިއީ ހަގީގަތުގައި މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭކަހަލަ ކަންކަން،" ފިއްޓޭ ވިދާޅުވި އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރޭ ސަބަބާއި އާސަންދައިގެ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލުތަކަށް، އެ މައުލޫމާތު އަތުގައި ނެތް ކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު ގީލާ އަލީ ޖަވާބު ދެއްވަން ދެކޮޅު ހައްދަވައިފިއެވެ. މިނިސްޓަރު މިގޮތަށް އަމަލުކުރެއްވުމުން މަޖިލީހުގެ ތަޅުން ހޫނުވި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ފިއްޓޭ ވިދާޅުވީ މި ފަހުން އާދަޔާއި ހިލާފަށް ހިމަބިހި ފެތުރެން މެދުވެރިވީ އެ ބައްޔަށް ޓެސްޓު ކުރާ ކިޓު ހުސްވެފައި ހުރުމުން ކަމަށް އަޑުތައް ފެތުރިފައިވާ ކަމަށެވެ. އޭނާ ސުވާލު ކުރެއްވީ އެކަމުގެ ހަގީގަތް ހޯދުމަށެވެ.
ޖަވާބުގައި ގީލާ ވަނީ އެ ސުވާލުތަކުގެ ޖަވާބު އޭނާ އަތުގައި ނެތް ކަމަށް ވިދާޅުވެ ޖަވާބުދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް، ޕީއެންސީގެ ބައެއް މެންބަރުންގެ ފަރާތުން ތަފާތު އެކި މައުލޫތަކުގައި ސުވާލުކުރެއްވުމުން ވެސް އެކަމަނާ މިއަދު ޖަވާބުދެއްވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވިީ ވަޒީރުން މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާއިރު، ދޮގު ހައްދަވާކަން ވެސް ފާހަގަކުރެވިގެން އެކަމުގެ ކަންބޮޑުވުން މީގެ ކުރިން ފާޅުކޮށްފައިވާނެ ކަމަށެވެ.
"ވަޒީރުން ދެއްވާ ސުވާލުގައި [ޖަވާބުގައި] ވަރަށް ގިނަފަހަރު އިތުރުފުޅު ހައްދަވާކަން ފާހަގަކުރެވިގެން އެކަމުގެ ކަންބޮޑުވުން އަޅުގަނޑުމެން އެބަހުރި ފާހަގަކޮށްފައި، މަޖިލީހުގައި އެކަންކަން ބަލަންޖެހޭ ފަރާތަކީ ހަގީގަތުގައި ވެސް މަޖިލީހުގެ ރިޔާސަތުން،" ނާޒިލް ވިދާޅުވި އެވެ.
ނަމަވެސް އެކަމާ ގުޅިގެން ރިޔާސަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިލް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ސުވާލުކުރުމުން ޖަވާބުގައި މުޅީން ވެސް ދައްކަވަނީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަށް ތިން އަހަރު ފާއިތުވެގެންދިޔަ އިރުވެސް ކުރީ ސަރުކާރުގެ ވާހަކަދައްކަން ޖެހެނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ