ރައީސް ޔާމީނާމެދު ދުވަހަކު ވެސް ހިތްހެވެއް ނުވާނެ، އެދެނީ އިބޫ އިންތިހާބު ކާމިޔާބު ކުރުމަށް: އަބްދުﷲ ސައީދު ބައްޕަ

ކުރީގެ އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދާއިމެދު ރައީސް އަބްދުﷲ ޔާމިން އަމަލު ކުރެއްވި ގޮތުން ދުވަހަކު ވެސް އެމަނިކުފާނަށް ހިތްހެޔޮ ނުވާނެ ކަމަށް އަބްދުﷲ ސައީދު ބައްޕާފުޅު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ދިރިއުޅުއްވަމުން ގެންދަވާ އަބްދުﷲ ސައީދުގެ ބައްޕާފުޅުގެ އަރިހަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ  އަދި އެމަނިކުފާނު ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ހޮނިހިރު ދުވަހު ވަޑައިގެންފަ އެވެ. އަދި އެއަަށް ފަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި މުހައްމަދު ސައީދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދިނުމަށް ނިންމެވުމުން ވަރަށް ބޮޑަށް އުފާކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަބްދުﷲ ސައީދަށް ބޭ އިންސާފުން ލިބެމުންދާ އަނިޔާއިން މިންޖުވާނީ މި ވެރިކަން އެ ގޮތަށް ބަދަލުވުމުން ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހް މި ކަމަށް އިސްކުރެވުނީމަ އަޅުގަނޑު ވަރަށް އުފާވި. އެއީ އަޅުގަނޑުގެ ދަރިފުޅު މިކަމުން މިންޖުވާނެ ކަމަށް ފެންނަނީ މި ދައުރު މި ގޮތަށް ނިމުނީމަ،" މުހައްމަދު ސައީދު ވިދާޅުވި އެވެ.
އަދި އެހެންމެ އިބޫގެ ރަނިންމޭޓަކަށް ހަމަ ޖައްސަވާފައިވާ ފައިސަލް ނަސީމާމެދު ވެސް މުހައްމަދު ސައީދު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ފާޅު ކުރައްވާފަ އެވެ. އޭގެ އިތުރުން މުހައްމަދު ސައީދު ވިދާޅުވީ އަބްދުﷲ ސައީދު ޖަލަށް ލާފައި ވަނީ އެއްވެސް ކުށެއް ނެތި ބޭ އިންސާފުން ކަމަށް އެ އާއިލާ ގަބޫލު ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ރައީސް އަބްދުﷲ ޔާމީނަށް ހިތްހެޔޮ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަބްދުﷲ ސައީދާއި މެދު ޔާމިން އަމަލު ކުރެއްވީ އަޅުގަނޑުމެން ދުވަހަކު ވެސް ހީނުކުރާ ގޮތަކަށް. އަޅުގަނޑުމެން ހިތްހެޔޮ ނުކުރާނަން ދުވަހަކު ވެސް. އެއްވެސް ސަބަބެއް ނެތި އެ ދަރިފުޅު ގެންގޮސް ޖަލަށް  އެ އަޅާލީ. އަދި ދުވަހަކު ވެސް އަޑެއް ނާހަން ދުނިޔޭގެ އެއް ވެސް ތަނެއްގައި އުއްތަމަ ފަނޑިޔާރުކަމުގައި ހުރި މީހަކު ދަމާކޫތާފައި ގެންދިޔަ ވާހަކައެއް. ދެން ކިހިނެތްތޯ ޔާމީނަށް ހިތްހެޔޮ ކުރެވޭނީ،" މުހައްމަދު ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އަބްދުﷲ ސައީދުގެ އާއިލާގެ އެންމެން ވެސް ތިބީ އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބު ވުމަށް އެދި އެދި ކަމަށެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ