އަދީބު އަތުން ރިޝްވަތުގެ ފައިސާ ނުނަގަނީ އެމްޑީޕީގެ ތިން މެމްބަރަކު: އުމަރު

ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވެސް ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އަތުން ފައިސާ ނެންގެވި ކަން ތަހުގީގުން އެނގެން އެބައޮތް ކަަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ މެމްބަރުން އަދީބު އަތުން ފައިސާ ހޯދީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެ މަގާމުން ވަކިކޮށް، އެ މަގާމަށް އަދީބު ގެނައުމަށް މަޖިލީހުގެ ތެރޭގައި ކުރި މަސައްކަތަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެ ހަގީގަތް ހާމަވެފައި އޮތްއިރު، މި ސަރުކާރާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރުމުގެ ޖާގައެއް އެމްޑީޕީ އަށް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.މަނީ ލޯންޑްރިންނާއި ޓެރަރިޒަމަށް ސަރުކާރުން ފައިސާ ހަރަދުކުރާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ނެރުނު ބަޔާން ދޮގުކުރައްވައި އުމަރު ވިދާޅުވީ ބަޔާނުގައިވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެމްޑީޕީން އެ ބުނާ ރިޕޯޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ތެރެއިން ނެރުނު ރިޕޯޓެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "އެއީ އެއްވެސް އަސާސެއް ނެތް ވާހަަކަތަކެއް. ނަޝީދުގެ ގަލަމުން ލިޔެ ކެނެރީގޭ ތެރެއިން ނެރުނު ރިޕޯޓެއް އެއީ،" ސަރުކާރަށް ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެއްވައި އުމަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ވަނީ އަދީބް އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައި ކަމަށެވެ. އެއީ ތަހުގީގުން އެނގޭ ކަމެއް ކަން ތަކުރާރުކޮށް ވިދާޅުވެ، އެ ޕާޓީން ފައިސާ ނުނަގަނީ ތިން މެމްބަރުން ކަމަށް އުމަރު ވިދާޅުވި އެވެ.އެކަމަކު ރިޝްވަތު ނެންގެވި މެމްބަރުންނާއި ނުނަންގަވާ މެމްބަރުންގެ ވެސް ނަމެއް އުމަރު ވިދާޅެއް ނުވެ އެވެ.އުމަރު ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ކޮރަޕްޝަން ހިންގީ އަދީބެވެ. އެކަން ފަޅާއެރި ހިސާބުން އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ވެސް އުފުލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދީބްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެންނެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ."މި ސަރުކާރުގައި ކޮރަޕްޝަން ހިންގީ ނައިބު ރައީސް އަދީބު، އޭނާ އެ ވަނީ ހައްޔަރުކޮށްފައި. އެހެންވީމަ މި ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާ ސަރުކާރެއް ކަން އެ އޮތީ ފެންނަން، ކޮރަޕްޝަނާ ގުޅިގެން އަދީބަށް، އަދަބު ވެސް ލިބޭނެ،" އުމަރު ވިދާޅުވި އެވެ. އަދީބަކީ ކޮރަޕްޓް މީހެއް ކަން އެނގި ތިބެ ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުން ފައިސާ ނަންގަވާފައިވާތީ އެމްޑީޕީގެ އެއްވެސް މެމްބަަރަކަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.އެމްޑީޕީ ސަރުކާރުގައި ވެސް ބޮޑެތި އަދަދުތަކުން ކޮރަޕްޝަން ހިންގާފައިވާ އިރު، އުމަރު ވިދާޅުވި ގޮތުގައި، ނަޝީދުގެ ވެރިކަމުގައި އެއިން އެއްވެސް ކަމެއް ބަލައި ފިޔަވަޅު އަޅާފައެއް ނުވެ އެވެ.އުމަރު ވިދާޅުވި ގޮތުގައި އެމްޑީޕީން ކިތަންމެ ތުހުމަތެއް ކުރިއަސް ސަރުކާރު ޖެހިލުމެއް ނުވާނެ އެވެ. އަމިއްލަ އަށް ތައްޔާރުކޮށްގެން ކުރިއަށް އޮތް ތަނުގައި ވެސް އެތައް ރިޕޯޓެއް އެމްޑީޕީން ނެރޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ