އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ރިޕޯޓާއެކު އިތުރު ދެ ރިޕޯޓެއް ނެރެނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް، މި އަހަރުގެ ޖެނުއަރީ މަހު ސަލާމަތީ ބާރުތަކުން އެކަހެރިކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގެ ތަހުގީގު ރިޕޯޓުގެ އިތުރުން ވެސް ބޮޑު އެހެން ދެ މައްސަލައެއްގެ ތަހުގީގު ރިޕޯޓް އާއްމުކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އަބްދުﷲ ގާޒީގެ މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކުރަމުން އަންނަތާ ހަތަރު މަސް ވަނީ ވެފަ އެވެ.
އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ރިޕޯޓު ލަސްވަނީ އެ މައްސަލައާ އެކު ފެބުރުއަރީ 7،6 އަދި 8 ގެ މައްސަލަތައް ކޮމިޝަނުން ތަހުގީގުކުރަމުން އަންނާތީ ކަމަށެވެ. އެ ތިން ރިޕޯޓުގެ މަސައްކަތް ވެސް ނިންމައި އާއްމުކުރެވޭނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވިއަސް، ވަރަށް އަވަހަށް ރިޕޯޓްތައް ކޮމިޝަނުން އާއްމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ [އަބްދުﷲ ގާޒީ ހައްޔަރުކުރި] މައްސަލައިގެ އިތުރުން ފެބުރުއަރީ 7،6 ގެ ކަންތައް ވަކި މައްސަލައެއްގެ ގޮތުގައި، އަދި 8 ގައި ހިނގައިދިޔަ ކަންތައް ވެސް ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުން. އެހެންވެ [އަބްދުﷲ ގާޒީ] މައްސަލައިގެ ރިޕޯޓް ކުޑަކޮށް މަޑުޖެހިގެން އުޅެނީ،" އެޗްއާރުސީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.
އަނެއް ދެ މައްސަލާގައި ކޮމިޝަނުން ތަހުގީގުކުރަމުން އަންނަނީ އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި އެކި ފަރާތްތަކުން އޭރުގެ ސަރުކާރަށް އައި ޕްރެޝަރުތަކާ އެކު ވެސް 22 ދުވަސް ވަންދެން އޭނާ އެކަހެރިކޮށްފައި ބެހެއްޓި އެވެ.
އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ހޯމް މިނިސްޓަރު ހަސަން އަފީފާ ވެސް އެޗްއާރުސީއެމުން ވަނީ ސުވާލުކޮށްފަ އެވެ. އަބްދުﷲ މުހައްމަދާ ދޭތެރޭ ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންނެވީ އޭނާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފުލުހުން އެންގުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ