އުފަން ރަށް މާމިގިއްޔަށާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ކޮށްދެއްވަން ވައުދުވާ ކަންކަން މިހާތަނަށް ކޮށްނުދެއްވައި ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ގދ. މަޑަވެލީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ އެކި މީސްމީހުންނަށް ކޮށްދެއްވަން ވިދާޅުވާ ކަންކަން ކޮށްދެއްވަނީ ވެސް އޭނާގެ އަމިއްލަ ފައިސާއިން ކަމަށެވެ.
ގާސިމް ވިދާޅުވީ މާމިގިލީ ނަރުދަމާގެ މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓުގައި ތިން ފަހަރަކު ހިމެނުއްވި ކަމަށެވެ.
"އޭނާ ވައުދުވެފައި އޮތް އެސްއެމްއެސް ވެސް އަޅުގަނޑުގެ އަތުގައި އެބައޮތް މާމިގިލީގެ ނަރުދަމާގެ ނިޒާމް އަޅައިދޭނެ ކަމަށް ބުނެ. އެކަމަކު އެކަން ވެސް ދިޔައީ ހަމަ ތޮޅިއަށް. އަދި ހަމަ ގައިމު ވެސް އެ ރަށަކު ނެތް ]ނަރުދަމާގެ ނިޒާމެއް[. ދެން އެމްޑީޕީ މީހުން މިބުނަނީ އަޅުގަނޑޭ އެކަން ނުކޮށްދީގެން މިއުޅެނީ. މާތް ﷲގެ ވާގިފުޅާ އެކީގައި އަޅުގަނޑު ކޮށްދޭން ބުނި އެއްވެސް ކަމެއް އެ ރަށުގެ ރައްޔިތުންނަށް ވެސް އަދި އެކަކަށް ވެސް ނުކޮށްދީ މިހާ ހިސާބަކަށް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ "ކުރީގެ ފިލާވަޅުތައް ހިތު ދަސް" ކަމަށާއި އެ "ފިލާވަޅު" ދަސްކުރިޔަސް އިތުރަށް އެނގޭނެ އެއްޗެއް ނެތް ކަމަށެވެ. އަދި މިހާރު ބޭނުމީ އިތުރު "ފިލާވަޅެއް" ދަސްކުރުން ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ މެދު ވިސްނަންޖެހޭ ކަމަށެވެ. ގާސިމް ވިދާޅުވީ ވަކި ބަޔަކު ކެމްޕޭނަށް ރަށަކަށް ދިއުމުން އެ ރަށެއްގެ ކައުންސިލުން އެބަޔަކު ރަށަށް ނޭރުވުމަކީ ހަޑި އަދި ދެރަ ކަންތައް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ހުތުރު ނަން ލިބެނީ އެ ރަށަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ އެކަން ނުކުރުމަށް ގާސިމް ގޮވާލެއްވި އެވެ.
"އަޅުގަނޑުމެން ނުރުހެންޏާ އަޅުގަނޑުމެން ނުދާނީ. އަޅުގަނޑުމެން އެމީހަކާ ބައްދަލު ވެސް ނުކުރާނީ. އެކަން އެ ނިމުނީ ނޫންތޯ؟،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ފެބްރުއަރީ 8، 2012 ގައި ރޯކޮށްފައިވާ ތިނަދޫ ޕޮލިސް ސްޓޭޝަން ފެނިވަޑައިގަތުމުން "ދެރަވެގެން ލޮލުން ކަރުނަ އައި" ކަމަށެވެ. ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ ގޮތަށް ދައުލަތުގެ ތަންތަނުގައި ރޯކުރަން "ލާހިކެއް ނޫން" ކަމަށެވެ.
"ކުޅަދާނައެއް ނޫން. އަޅުގަނޑުމެންގެ ކައުންސިލަކަށް ވިޔަސް އެހެން ކައުންސިލަކަށް ވިޔަސް ކުޅަދާނައެއް ނޫން އެކަން ކުރާކަށް. އެއީ ގޯހެއް. އެކަން ނުކުރެވޭނެ. އަޅުގަނޑުމެންގެ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ފުލުހުން ވެސް ތިއްބަވަނީ. ސިފައިން ވެސް ތިއްބަވަނީ. އަދި ކައުންސިލަރުން ވެސް ތިއްބަވަނީ. އަދި އެހެން ބޭފުޅުން ވެސް ތިއްބަވަނީ. އެހެންވީމާ އެގޮތަށް ދައުލަތުގެ މުއައްސަސާއެއް ޕީނަލައިޒް ނުކުރެވޭނެ،" ގާސިމް ވިދާޅުވި އެވެ. "މިއަދު 10،000ރ. އަށް ކުއްޔަށް ހިފާފައި ހުރި ތަނުގައި ސުވާލުކުރެވޭ މީހާ ގެނެސް ބައިންދަން ވެސް ޖެހެނީ އެތަނުގައި. އެތަނުގެ ކުރިމަތީގައި ތަހުގީގު ވެސް ކުރަން ޖެހެނީ. މިވަރުގެ ކުޑަކުޑަ ކޮތަރު ކޮއްޓެއް ވަރުގެ ތަންކޮޅެއް. އެ ބޭފުޅުންގެ މަރުކަޒު ރޯކޮށްލީ 8 ފެބްރުއަރީ 2012 ގައި."
ގާސިމް ވިދާޅުވީ މަޑަވެލި ކައިރީގައި އޮންނަ ހޯނޑެއްދޫގައި އޭނާގެ ކުންފުނީގެ މަސް ފެކްޓަރީ ތަރައްގީ ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ފެބްރުއަރީ 8 ގައި އެ ފެކްޓަރީ ރޯކުރުމުން ބޮޑެތި ގެއްލުންތަކެއްވެ ގދ. ގެ ތަރައްގީ އަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހޯނޑެއްދޫ ކައިރީގައި އޮންނަ ފެންގަނޑާއި މަޑަވެލި ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ އެ ދެ ރަށުގެ ރައްޔިތުން އެއްބަސް ކިޔައިގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި މަޑަވެލީ ބަނދަރުގެ މަސައްކަތް ފުރަތަމަ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. މީގެ އިތުރުން މަޑަވެލީ ސްކޫލު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑު ކޮށްދޭން ބުނާ ކަންތައް ކޮށްނުދީ ނޯންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ