އިމްތިހާނުތަކުގެ މައްސަލަތަކާއި ތައުލީމީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށް ގޮވާލައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްނަގައިގެން ކުރިއަށް ގެންދާ ބޮޑު މުޒާހަރާގައި ބޮލީވުޑާއި އިންޑިއާގެ ސިނަމާގެ މަޝްހޫރު ފަންނާނުން ވެސް ބައިވެރިވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބޮލީވުޑްގެ ތަރި ޝަބާނާ އަޒްމީ ވަނީ ޖަންތަރު މަންތަރަށް ގޮސް ދަރިވަރުންނާއި މުޒާހަރާގެ އެހެން ބައިވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނާ އެކު ލޮރީއެއްގައި ދަތުރުކޮށް، ބެރިކޭޑްތައް ހުރަސްކޮށް ހިނގާލުމުގައި އޭނާ ބައިވެރިވި އެވެ.
މުޒާހަރާގައި ބޮލީވުޑްގެ ތަރިން މަދުވާތީ މީޑިއާ އިން ކުރި ސުވާލުތަކަށް ރައްދު ދެމުން ޝަބާނާ ބުނީ ސެލެބްރިޓީން މުޒާހަރާއަށް ނުދާ މައްސަލައަށް ވުރެ ކުދިންގެ އަސްލު ކަންބޮޑުވުންތަކަށް މީޑިއާ އިން ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ސުލްހަވެރިކަމާ އެކު އިހުތިޖާޖުކުރުމަކީ ގާނޫނީ ހައްގެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ގިނަ އަދަދެއްގެ މީހުން އެއްވެފައި އޮތް އެ މުޒާހަރާގެ ތެރެއިން ޝަބާނާގެ ބޯލަށް އެނބުރުން އަރައިގެން، ސެކިއުރިޓީ ކެބިންއަކަށް ގެންގޮސް އޭނާއަށް އަވަސް ފަރުވާ ދޭން ޖެހުނު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޝަބާނާ އާއި އޭނާގެ ފިރިމީހާ އަދި ޅެންވެރިޔާ ޖާވިދު އަޚްތަރު ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސިޓީއެއް ފޮނުވައި، މުޒާހަރާކުރާ ދަރިވަރުންނާ އެކު ސަރުކާރުން ސީދާ މަޝްވަރާކުރުމަށް އެދިފަ އެވެ.
އިޖުތިމާއީ މައްސަލަތަކުގައި އަބަދުވެސް އަޑުއުފުލާ ދެކުނު އިންޑިއާގެ އެކްޓަރު ޕްރަކާޝް ރާޖް ވެސް ވަނީ ޖަންތަރު މަންތަރަށް ގޮސް މުޒާހަރާގެ ބައިވެރިންނާ އެކު ވަގުތު ހޭދަކޮށް، ބޮޑު ހިނގާލުމުގައި ބައިވެރިވެފަ އެވެ. އޭނާ ވަނީ މުޒާހަރާ ކުރާ ސަރަހައްދުގައި ނަގާފައިވާ ވީޑިއޯއެއް އާންމުކޮށް، ގައުމުގެ ޒުވާނުން އެދެނީ އެމީހުންގެ ހައްގުތަކާއި ސުވާލުތަކަށް ޖަވާބު ލިބުން ކަމަށް ބުނެފަ އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތު ދޯސާންޖު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ތާއީދުކޮށް، "އެންޓި-ނޭޝަނަލް" ނުވަތަ ގައުމާ ދެކޮޅު މީހެއްގެ ގޮތުގައި މީހުން ލޭބަލްކުރި ކަމުގައި ވިޔަސް، ހައްގުގެ ދިފާއުގައި އަޑުއުފުލުން ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ.
މުޒާހަރާގެ ބައިވެރިންނާ މެދު ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހި ބޮލީވުޑްގެ އެކްޓްރެސް ސުވާރާ ބާސްކަރު ވެސް ވަނީ ފާޑުކިޔައިފަ އެވެ. އަދި މުމްބާއީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން އޭނާގެ ފިރިމީހާ އަދި ސިޔާސީ އެކްޓިވިސްޓް ފަހާދު އަހްމަދު ހައްޔަރުކުރުމާ ގުޅިގެން ވެސް އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
ސުލްހަވެރިކަމާއި އެކުވެރިކަމާ އެކު މައްސަލަތައް ހައްލުކުރުމަށް ގޮވާލައި، މުޒާހަރާގެ ބައިވެރިންނަށް ގޯނާނުކުރުމަށް ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ ވެސް ގޮވާލި އެވެ. މި މުޒާހަރާގައި އިސްކޮށް އުޅޭ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް އަދި "ކުރަފި" ޕާޓީގެ ޓީމަށް ތާއީދުކޮށް، ސަރުކާރުން އެމީހުންނާ އެކު މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ސޯނާކްޝީ އެދިފައިވެ އެވެ.
އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީއަށް ތާއީދުކުރާ ފަންނާނުންގެ ތެރެއިން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެމްބަރު އަދި ކުރީ އެކްޓްރެެސް ހެމާ މާލިނީ ވަނީ ފަންނާނުންގެ ވާހަކަތަކަށް ރައްދުދީ، މަގުމަތީގެ އިހުތިޖާޖުތަކުގެ ބަދަލުގައި ސުލްހަވެރިކަމާ އެކު މަޝްވަރާގެ މޭޒަށް ދިއުމަށް ގޮވާލައި، ސަރުކާރުން ދަރިވަރުންގެ ކަންބޮޑުވުންތަކަށް ސަމާލުކަން ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ބީޖޭޕީގެ މެމްބަރެއް ކަމަށްވާ ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ވަގުތެއްގައި މަގުތައް ބަންދުކޮށްގެން ހިންގާ އިހުތިޖާޖުތަކުގެ ސަބަބުން ގާނޫނީ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށް ބުނެ އެކަމަށް ފާޑުކިޔައިފަ އެވެ.
"ކުރަފި" ޕާޓީގެ ބޮޑު މުޒާހަރާގައި ބޮލީވުޑްގެ ފަންނާނުން ވެސް ބައިވެރިވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ