ފައިނަލްގެ ބައްޔާ އެކު އާޖެންޓީނާއިން ހައިޖާނު ހިންގި މައްސަލައިގެ ތަހުގީގު ފަށައިފި

ކާމިޔާބީ އާއި ނާކާމިޔާބީގައި ވެސް އާޖެންޓީނާ ކުޅުންތެރިންގެ ފަރާތުން ފެންނަނީ ކުޅިވަރުގެ ރޫހާ މުޅިން ހިލާފު އަމަލުތަކެވެ. ރަނގަޅު ހަމަ އެއްވެސް ގޮތެއް ނޯވެ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އިތުރު ވަގުތުގައި ޖެހި ގޯލަކުން އާޖެންޓީނާ ބަލިކޮށް، ވޯލްޑް ކަޕް ކާމިޔާބުކުރީ ސްޕެއިނުންނެވެ.
މެޗުން ބަލިވުމާ އެކު އާޖެންޓީނާ ކުޅުންތެރިންނާއި އޮފިޝަލުން އިސްވެ، ދަނޑުމަތީގައި ހަމަނުޖެހުން އުފައްދައި، މާރާމާރީ ހިންގަން ފެށި އެވެ. މިހާރު ފީފާއިން މި ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފަ އެވެ.
މެޗު ނިންމާލަން ރެފްރީ ކަށިގަނޑު ފުމެލުމާ އެކު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ނާކާމިޔާބީގައި ބިންމައްޗަށް ތިރިވި އެވެ. އަދި ބައެއް ކުޅުންތެރިން ތިބީ ކޮޅަށް، ހުއްޓުން އަރާފަ އެވެ.
މެޗު ނިމުމާ އެކު ސްޕެއިން ކުޅުންތެރިން އުފާ ފާޅުކުރަން ފެށި އެވެ. ހަމަނުޖެހުން ހިންގަން ފެށީ އުފާ ފާޅުކުރަން ސްޕެއިންގެ ބެންޗުގައި ތިބި ކުޅުންތެރިން ދުވެފައި ދަނޑުމައްޗަށް އެރި ގަޑީގަ އެވެ.
ސްޕެއިންގެ ކެޕްޓަން ރޮޑްރީ ދުވެފައި ދަނިކޮށް، އާޖެންޓީނާގެ ފަހަތަށް ކުޅޭ މޮލީނާ އޭނާގެ ގައިގައި ޖަހާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.
މޮލީނާއާ ސުވާލުކުރަން ރޮޑްރީ އަނބުރާލާފައި ގޮސް އޭނާގެ ގާތުގައި ހުއްޓުމާ އެކު، ދެ ޓީމުގެ އިތުރު ކުޅުންތެރިން ވެސް އައިސް މައްސަލައިގެ ތެރެއަށް ވަދެގަނެ އެވެ.
އެ ގަޑީގައި އާޖެންޓީނާގެ ލިއަންދުރޯ ޕަރެދޭސް، ރޮޑްރީގެ ދިފާއުގައި އެތަނަށް ކައިރިވި އެރިކް ގާސިއާގެ ކަރުގައި ހިފަ އެވެ. އަދި ތިއާގޯ އަލްމާޑާ ވަނީ ސްޕެއިންގެ ގަވީގެ މޫނުމަތީގައި ޖަހައި، ބިންމައްޗަށް ވައްޓާލާފަ އެވެ.
ދެން ފެނުނީ އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު ރޮބާޓޯ އަޔާލާ، ގާސިއާގެ ކަރުގައި ހިފި ތަނެވެ. އަދި އިރުކޮޅެއް ފަހުން ސްޕެއިން ޑެނީ އޮލްމޯއަށް ވެސް އޭނާ ވަނީ ހަމަލާ ދީފަ އެވެ.
މި ހުރިހާ ކަމެއް ހިނގަމުންދިޔައިރު އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ހުރީ ދުރުގައި ބަލަހައްޓައިގެންނެވެ. ހަމަނުޖެހުމުގައި ބައިވެރި ނުވިޔަސް، ޓީމު ކުޅުންތެރިން ކޮންޓްރޯލް ކުރަން އޭނާ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
އެ ގަޑީގައި ރެފްރީ އެޅި ފިޔަވަޅަކީ ޕަރެދޭސްއަށް ރަތް ކާޑެއް ދެެއްކުމެވެ.
ފައިނަލްގައި ހިނގާދިޔަ ހަމަނުޖެހުންތައް ތަހުގީގުކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ ޕްރޮސެކިއުޓަރެއް އައްޔަންކޮށްފަ އެވެ.
މައްސަލަ ބެލުމަށް ފަހު އެ ހަމަނުޖެހުންތަކުގައި ބައިވެރިވި ކުޅުންތެރިން ނުވަތަ ކޯޗަކަށް ވިޔަސް، ފީފާގެ ޑިސިޕްލިނަރީ ކޯޑާ ހިލާފުވިކަން ސާބިތުވެއްޖެ ނަމަ، ސަސްޕެންޝަނެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އޭގެ އިތުރަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ޖޫރިމަނާ ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އާޖެންޓީނާ ނޫނަސް، މީގެ ކުރިން އެހެން ޓީމުތަކާއި ކުޅުންތެރިންނާ މެދު ވެސް ފީފާއިން މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.
މިސާލަކަށް 2014ގެ ވޯލްޑް ކަޕްގައި އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލީނީގެ ގައިގައި ދަތް އެޅި މައްސަލައިގައި ޔުރުގުއާއީގެ ލުއިސް ސުއަރޭޒް، ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ހަތަރު މަހަށް ސަސްޕެންޑު ކުރި އެވެ.
އޭގެ އިތުރުން އަހުލާގީ މައްސަލައެއްގައި 2023 ވަނަ އަހަރު ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ އޭރުގެ ރައީސް ލުއިސް ރުބިޔަލޭސް ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ތިން އަހަރަށް ސަސްޕެންޑު ކުރި އެވެ.
މިފަހަކަށް އައިސް އާޖެންޓީނާއިން ފެއާ ޕްލޭގެ އުސޫލުތަކާ ހިލާފުވުމާއި ކުޅުންތެރިންނާއި އޮފިޝަލުންގެ ސުލޫކީ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
މިސާލަކަށް ވޯލްޑް ކަޕް 2022 ކާމިޔާބު ކުރުމަށް ފަހު އުފާ ފާޅުކުރުމުގެ ނަމުގައި އާޖެންޓީނާ ކުޅުންތެރިންނާއި އޮފިޝަލުން ހިންގި އަމަލުތަކާ ގުޅުންހުރި މައްސަލަތައް ހިމެނެ އެވެ. ވަކިން ހާއްސަކޮށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒްގެ ފަރާތުން ފެނުނު އަހުލާގީ ގޮތުން ފެންވަރު ދަށް އަމަލުތައް ފާހަގަކުރެވެ އެވެ.
އެ ކަންކަމާ ގުޅިގެން އާޖެންޓީނާ 22،300 ޑޮލަރުން ޖޫރިމަނާ ކުރި އެވެ. ނަމަވެސް ވަކިވަކި ކުޅުންތެރިޔަކަށް އެއްވެސް އަދަބެއް ނުދެ އެވެ.
އޭގެ ފަހުން 2024 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗިލީ އާއި ކޮލަމްބިއާއާ ދެކޮޅަށް އާޖެންޓީނާއިން ކުޅުނު މެޗުތަކުގައި ސުލޫކީ މައްސަލަތަކެއް ފެންމަތިވެ، މާޓީނޭޒް ދެ މެޗަށް ސަސްޕެންޑުކުރި އެވެ.
މި ވޯލްޑް ކަޕްގެ ފައިނަލްގައި ހަމަނުޖެހުން ހިންގުމުގެ އިތުރުން ސެމީގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ސިޔާސީ މެސެޖެއް ލިޔެފައި އޮތް ބެނާއެއް ދެއްކި މައްސަލައެއް ވެސް ފީފާއިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެއީ އިނގިރޭސިންގެ ސިޔާދަތީ ބާރު ހިނގާ ފޯކްލަންޑް އައިލެންޑްސް ނުވަތަ 'ލަސް މަލްވީނާސް' އަކީ އާޖެންޓީނާގެ ޖަޒީރާ ރަށްތަކެއް ކަމަށް ބުނެ އެވެ.
އެ ބެނާ ހިފައިގެން ތިބި ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއަން ރޮމޭރޯ އާއި ޖިއޮވާނީ ލޮ ސެލްސޯ އަދި ލިސަންޑްރޯ މާޓީނޭޒް ހިމެނެ އެވެ. އެ ތިން ކުޅުންތެރިން ވެސް މިހާރު ކުޅެމުން އަންނަނީ އިނގިރޭސި ކުލަބުތަކަށެވެ.
މިއީ އާޖެންޓީނާއިން މިކަން ތަކުރާރުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2014ގައި، ސްލޮވީނިއާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި ވެސް އެފަދަ ބެނާއެއް ދެއްކި މައްސަލައެއްގައި އޭއެފްއޭ ވަނީ 33،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
މި ވޯލްޑް ކަޕްގައި ދަނޑުމަތީގައި ހިންގި ކަންކަމުގެ ތަހުގީގުތަކެއް ފީފާއިން ފެށީ، އޭއެފްއޭއާ ގުޅޭ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއް އެފްބީއައިއިން ތަހުގީގު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ