ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނަސް ޖެއްސުމުގެ އަމަލުތަކެއް ނުހިންގާނަން: މައުމޫން

ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނަސް އެއްވެސް ފަރާތަކަށް ޖެއްސުން ކުރުމުގެ އަމަލެއް ކައުންސިލުން ނުހިންގާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްވައިފި އެވެ. ޕީޕީއެމްގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ގޮޑިއަށް ކުރިމަތި ލައްވާ ޒައިދުލް އަމީންގެ ކެމްޕޭން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި މައުމޫން ވިދާޅުވީ ސިޓީ ކައުންސިލްތަކަކީ އެ ސަރަހައްދެއްގެ ރައްޔިތުންނަށް ކަންތައްތައް ފަސޭހަކޮށް ދިނުމަށް އެކި ސިޔާސަތުތައް ރާވަން އޮންނަ ތަނެއް ކަމަށެވެ. އަދި ކޮންމެ ފިކުރެއްގެ ސިޔާސީ ބަޔަކު އެ ތަނަށް އިންތިހާބު ކުރިޔަސް އެއީ ވަކި ބަޔަކަށް ފައިދާއެއްވާ ގޮތަށް މަސައްކަތްކުރަން ޖެހޭ ބައެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ މިހާރު މި އޮތް ސިޓީ ކައުންސިލުގެ ފަރާތުން ފެނިގެން ދިޔައީ އެއާ މުޅިން އިދިކޮޅު ކަންތައްތަކެއް ކަމަށެވެ. ސިޓީ ކައުންސިލްގެ ފަރާތުން ވަރަށް ތާކުންތާކު ނުޖެހޭ ޖޯކު ޖެއްސުން ކުރުމުގެ ކަންތައްތަކެއް ވެސް ފެނިގެން ދިޔަކަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މާލޭގެ ބިންތައް އެކި ފަރާތްތަކަށް ދިނުމުގައި ވެސް އިންސާފުވެރި ކަމެއް ނެތް ގޮތަށް ކަންތައްތައް ކުރަމުން ދިޔަކަމަށް ވިދާޅުވި އެވެ. "މަގުމަތީގައި ޖަލްސާ ބާއްވާ މީހުންގެ ގޭގޭ ނެގުމަށް ނިންމާ މިކަހަލަ ކަންކަމަކީ ސިޓީ ކައުންސިލަކުން ކުރަން ޖެހޭ ކަންކަމެއް ނޫން. އެ ބޭފުޅުން އިންތިހާބު ކުރެވުނީ ވަކި ބަޔަކަށް ކަންތައްތަކެއް ކޮށްދޭން އަދި ޖެއްސުން ކުރާކަށް ނޫން. އަޅުގަނޑުމެންނަށް، ޕީޕީއެމްއަށް ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ މަގުމެދުގައި ޖަލްސާ ބާއްވާ، ގ. ކެނެރީގެ ނަގާކަށް ނުނިންމާނަން،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރަކުން ކުރިއަށް ގެންދާ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށް ކައުންސިލްތަކާއި މަޖިލީހުގެ އެއްބާރުލުން ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރާ ބަޔަކަށް ގިނަ ގޮޑިތަކެއް ލިބިގެން ހިނގައްޖެ ނަމަ ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސް އެޅޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި އެ ކަމުގެ ސަބަބުން ހަމަނުޖެހުންތައް އުފެދުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ