ކޮޅުފުށީގައި ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ އަދަދު 52 އަށް

މ. ކޮޅުފުށިން ކޮވިޑް ބައްޔަށް ޕޮޒިޓްވެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 52 އަށް އަރައިފި އެވެ.
ކޮޅުފުށި ކައުންސިލްގެ ރައީސް އަބްދުލް އަލީމް މިއަދު އަވަސް އަށް ވިދާޅުވި ގޮތުގައި ރަށުގައި ޕޮޒިޓިވް ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން މިހާރު އެކްޓިވް ކޭސްގެ އަދަދު 52 އަށް ވަނީ އަރާފަ އެވެ. އެއާއެކު ކޮޅުފުށިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 150 އަށް ވުރެ އިތުރުވެފަ އެވެ.
އަލީމް ވިދާޅުވި ގޮތުގައި ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ދެދުވަހު ވަނީ 100 ސާމްޕަލް ނަގާފަ އެވެ.
ކޮޅުފުށީގައި ކޮވިޑް ޓެސްޓެއް ނުކުރެވެ އެވެ. އެހެންކަމުން ޓެސްޓު ކުރުމަށް އަތޮޅު ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް މިއަދު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ކޭސްތައް ގިނަވަމުން ދިޔަ ނަމަވެސް ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށާއި ބަލި ޖެހިފައިވާ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހައިރިސްކު ފަސް މީހުން ދެނެގަނެވިފައިވާ ކަމަށާއި ކޮވިޑް އަލާމާތްތައް -- ހުންއައުން، ރޯގާ ޖެހުން -- ބަލި މީހުން ގައިން ފެންނަ ކަމަށެވެ.
ކޮޅިފުށީގައި 800 އަށް ވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ. ބަލި ފެނިގެން މީހުން ދިރިއުޅޭ 21 ގެއެއް ވަނީ ކަރަންޓީނު ކޮށްފަ އެވެ. ބަލި މީހުނަށް ފަރުވާ ދިނުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މުލަކު އަތޮޅު ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ