އަބްދުﷲ ރަސްގެފާނު ފަސްދާނުލައިފި

ރޭ މެންދަމުގެ ވަގުތެއްގައި އަވަހާރަވެފައިވާ ސައުދި އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް ފަސްދާނުލައިފި އެވެ.
ސައުދީގެ ތަޚުތުގައި 10 އަހަރު ހޭދަކުރައްވާ ސައުދި އަރަބިއްޔާއަށް އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވި އަބްދުﷲ ރަސްގެފާނު އަވަހާރަވެފައިވަނީ ސައުދި އަރަބިއްޔާގެ ހޮސްޕިޓަލެއްގައި ނިއުމޯނިއާ އަށް ފަރުވާ ދެއްވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުން އުމުރުފުޅުން 90 އަހަރުގަ އެވެ.
އަބްދުﷲ ރަސްގެފާނުގެ ކަށު ނަމާދު ކޮށްފައިވަނީ ވެރިރަށް ރިޔާދުގައި ހުންނަ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައި މިއަދު އަސުރު ނަމާދަަށް ފަހު އެވެ. އަބްދުﷲ ރަސްގެފާނުގެ މައްޗަށް ކުރެވުނު ކަށުނަމާދު އިސްވެ ކޮށްދެއްވީ އަލަށް ސައުދީގެ ރަސްގެފާނު ކަމާއި މިއަދު ހަވާލުވެވަޑައިގެންނެވި ސަލްމާނު ބިން އަބްދުލް އަޒީޒު އެވެ. ކަށު ނަމާދުގައި އިސްލާމީ ގިނަ ގައުމުތަކެއްގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ،
ސައުދީ ރަސްކަމުގެ ކޮއިލުން ހާމަކުރާ ގޮތުގައި އަބްދުﷲ ރަސްގެފާނު ފަސްދާނު ލާފައިވަނީ އާދަކާދައިގެ މަތިން އާދައިގެ ގޮތެއްގަ އެވެ. އަދި އަބްދުﷲ ރަސްގެފާނު ފަސްދާނުލާ ސަރަހައްދު ހާމަ ނުކުރާނެ ކަމަށާއި، މަގުބަރާ ފާހަގަކުރާ ގޮތަށް ވެސް ހަމަޖެހިފައި ނުވާ ކަމަށް ގަނޑުވަރުން ވަނީ ބުނެފަ އެވެ.
ތަހުތާއި ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ބަޔާނުގައި ރަސްގެފާނު ސަލްމާން ވަނީ އޭނާގެ ރަސްކަމުގެ އުސޫލުތައް ވެސް ކުރިއަށް ގެންދަވާނީ އަވަހާރަވި އަބްދުﷲ ރަސްގެފާނުގެ އުސޫލުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މަސައްކަތްކުރަމުންދާނީ އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ހެދުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރުމަށް ކަމަށެވެ. ރަސްގެފާނު ސަލްމާނު ވަނީ އިސްލާމީ އުއްމަތް އެކަތިގަނޑަކަށްވެ އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ވުމަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ