އީރާން ހަނގުރާމައާ ގުޅިގެން، ލަންކާއިން އިންޓްރެސްޓް ރޭޓް ވަރަށް ބޮޑަށް ބޮޑުކޮށްފި

އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ތަކެތީގެ އަގު އުފުލި ލަންކާ ރުޕީސްގެ އަގު ދަށަށްދާތީ، އެ ގައުމުގެ މަރުކަޒީ ބޭންކުން ކުއްލި ގޮތަކަށް އިންޓްރެސްޓް ރޭޓް 100 ބޭސިސް ޕޮއިންޓަށް މިއަދު ބޮޑުކޮށްފި އެވެ.
ސެންޓްރަލް ބޭންކް އޮފް ސްރީ ލަންކާއިން ވަނީ އޯވަނައިޓް ޕޮލިސީ ރޭޓް %7.75 އިން %8.75އަށް މަތިކޮށްފަ އެވެ. މިއީ މާކެޓްތަކުން ލަފާކުރި ވަރަށް ވުރެ ބޮޑު އިތުރުވުމެކެވެ. ރޮއިޓާސްއިން ކުރި ސާވޭއަކުން ދެއްކި ގޮތުގައި، އިގްތިސާދީ މާހިރުން އުންމީދުކޮށްގެން ތިބީ އެންމެ %25 ބޭސިސް ޕޮއިންޓުގެ ކުޑަ ބަދަލަކަށެވެ.
ބޭރުން އެތެރެކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ލަންކާއަށް، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މިގޮތުން ތެލުގެ އަގު %40އަށް އުފުލިފައިވާއިރު، ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ކޯޓާ ކަނޑައެޅުމާއި ކޮންމެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.
މިދިޔަ މާޗު މަހު %2.2ގައި ހުރި އިންފްލޭޝަން ރޭޓް، މިދިޔަ މަހު ވަނީ %5.4އަށް މައްޗަށް ގޮސްފަ އެވެ. އަދި މާޗު މަހުގެ ކުރީކޮޅުން ފެށިގެން ލަންކާ ރުޕީސްގެ އަގު ވަނީ %8.7 ދަށަށް ގޮސްފަ އެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، އިންފްލޭޝަން ރޭޓް ހުންނާނީ އަމާޒުކުރި %5އަށް ވުރެ މަތީގަ އެވެ. އަދި ފާއިތުވި ހަފުތާތަކުގައި ލަންކާ ރުޕީސްގެ އަގު ދަށަށް ދިއުމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާކަން އެ ބޭންކުން ފާހަގަކުރި އެވެ.
ކޮލަމްބޯގެ ރިސާޗު ފާމެއް ކަމަށްވާ ސީއޭއެލްގެ ސްޓްރެޓެޖީ ހެޑް އުދީޝަން ޖޯނަސް ވިދާޅުވި ގޮތުގައި، މި ނިންމުމުން އެނގެނީ މަރުކަޒީ ބޭންކުން މިހާރު އިސްކަންދެނީ އިގްތިސާދީ ކުރިއެރުމަށް ވުރެ ބޮޑަށް، ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށެވެ.
މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު ދިމާވި މާލީ ކާރިސާއިން އަދިވެސް އަރައިނުގަނެވޭ ލަންކާއިން މިހާރު ދަނީ އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއްގެ ދަށުން މަސައްކަތް ކުރަމުންނެވެ. އައިއެމްއެފްގެ ބޯޑުން މި ހަފުތާގައި، އެ ގައުމުގެ ރިޒާވް ވަރުގަދަކުރުމަށް އިތުރު 700 މިލިއަން ޑޮލަރު ދޫކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ