ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް

ޢުމްރާގެ މަރުޙަލާ (ޙައްޖަށް ތައްޔާރުވުން) 1. އިޙްރާމް ބަނުން: މައްކާއަށް ވަނުމުގެ ކުރިން މީޤާތުން އިޙްރާމް ބަނުން. އިޙްރާމް ބަނުމަކީ ނިޔަތް ގަނެ އަޅުކަމަށް ވަނުމެވެ. 2. މައްކާއަށް ފޯރުން: މަސްޖިދުލް ޙަރާމަށް ވަދެ ކަޢުބާގެ ވަށައިގެން 7 ބުރު ޠަވާފުކުރުން. 3. މަޤާމު އިބްރާހީމް: ޠަވާފަށްފަހު މަޤާމު އިބްރާހީމް ކައިރީގައި ދެ ރަކުޢަތް ނަމާދެއްކުރުން.4. ޒަމްޒަމް ފެން ބުއިން: ޞަފާ މަރްވާ ދެމެދު ހިނގުމުގެ ކުރިން ޒަމްޒަމް ފެން ބުއިން.5. ސަޢުޔުކުރުން: ޞަފާ އަދި މަރްވާ ފަރުބަދައާ ދެމެދު 7 ބުރު ހިނގުން. 6. ބޯބޭލުން ނުވަތަ ކުރުކުރުން: މިއާއެކު ޢުމްރާގެ އަޅުކަން ނިމި އިޙްރާމުން ވީއްލޭނެއެވެ. ޙައްޖުގެ މަރުޙަލާތައް (8 - 13 ޛުލްޙިއްޖާ) 8 ޛުލްޙިއްޖާ (ޔައުމުއް ތަރުވިޔާ)7. އަލުން އިޙްރާމް ބަނުން: ހުރި ތަނަކުން (ހޮޓަލުން ނުވަތަ މައްކާގެ ތެރެއިން) ޙައްޖަށް ނިޔަތްގަނެ އަޅުކަމުގެތެރެއަށް ވަނުން.8. މިނާއަށް ދިއުން: މި ދުވަހުގެ މެންދުރު ނަމާދުގެ ކުރިން މިނާއަށް ގޮސް، މެންދުރު، އަސުރު، މަޣްރިބު، ޢިޝާ އަދި ފަތިސް ނަމާދު އެތާނގައި ފުރިހަމަކުރުން. 9 ޛުލްޙިއްޖާ (ޢަރަފާތް ދުވަސް)9. ޢަރަފާތަށް ދިއުން: އިރު އެރުމަށްފަހު މިނާއިން ޢަރަފާތަށް ދިއުން. މިއީ ޙައްޖުގެ އެންމެ މުހިންމު ވަގުތެވެ. މެންދުރު އަދި އަސުރު ނަމާދު ޖަމްޢުކޮށް ކުރުން. 10. މުޒްދަލިފާގައި ރޭކުރުން: އިރު އޮއްސުމުން ޢަރަފާތުން ނުކުމެ މުޒްދަލިފާއަށް ދިއުން. އެތާނގައި މަޣްރިބު އަދި ޢިޝާ ނަމާދު ޖަމްޢުކޮށް ކުރުމަށްފަހު، ރޭގަނޑު އަރާމުކުރުން އަދި ހިލަ ހޮވުން. 10 ޛުލްޙިއްޖާ (ޢީދު ދުވަސް)11. ޖަމްރަތުލް ޢަޤަބާއަށް ހިލައުކުން: ފަތިސް ނަމާދަށްފަހު މިނާއަށް ގޮސް ބޮޑު ޖަމްރާއަށް 7 ހިލަކޮޅު އުކުން. 12. ޤުރުބާންކުރުން: ކަނޑައެޅިފައިވާ ތަނެއްގައި ހަދްޔު ކަތިލުން.13. ބޯބޭލުން (ފުރަތަމަ ތަޙައްލުލު): ބޯބޭލުމުން ނުވަތަ ކުރުކުރުމުން އިޙްރާމުގެ ގިނަ މަނާކަންތައްތަކުން ވީއްލޭނެއެވެ.14. ޠަވާފުލް އިފާޟާ: މައްކާއަށް ގޮސް ޙައްޖުގެ މައިގަނޑު ޠަވާފުކުރުން. މިއާއެކު "ފުރިހަމަ ތަޙައްލުލު" ލިބިގެންދާނެއެވެ.15. ސަޢުޔުކުރުން: ޞަފާ އަދި މަރްވާ ފަރުބަދައާ ދެމެދު 7 ބުރު ހިނގުން (ތަމައްޠުޢުގެ ޙައްޖުގައި). 11، 12 އަދި 13 ޛުލްޙިއްޖާ (އައްޔާމުއް ތަޝްރީޤު)16. މިނާގައި ރޭކުރުން: މި ތިން ދުވަހު މިނާގައި މަޑުކުރުން މޮޅުއިތުރު.17. ތިން ޖަމްރާއަށް ހިލައުކުން: ކޮންމެ ދުވަހަކު ވެސް މެންދުރުފަހު، ކުޑަ، މެދު އަދި ބޮޑު ޖަމްރާއަށް 7 ހިލަކޮޅު (ޖުމުލަ 21 ހިލަ) އުކުން.18. އެނބުރި މައްކާއަށް ދިއުން: 12 ވަނަ ދުވަހު ނުވަތަ 13 ވަނަ ދުވަހު މިނާއިން ވަކިވެ މައްކާއަށް އެނބުރި ދިއުން. އެންމެ ފަހު މަރުޙަލާ19. ޠަވާފުލް ވަދާޢު: މައްކާއިން ފުރައިގެން ރަށަށް ދިއުމުގެ ކުރިން އެންމެ ފަހު ކަމެއްގެ ގޮތުގައި "ވަދާޢީ ޠަވާފު" ކުރުން. މާތްވެގެންވާ ޙައްޖުގެ މަނާސިކުތައް މި ހިސާބުން ނިމުނީއެވެ. އެންމެހައި ޙައްޖާޖީންނަށް މާތްﷲ މަބްރޫރު ޙައްޖެއް މިންވަރުކުރައްވާށިއެވެ. އާމީން! ނޯޓު: ޙައްޖުގެ އަޅުކަން އަދާކުރާ ތިން ގޮތްކަމަށްވާ ތަމައްތުޢު އިފްރާދު އަދި ޤިރާންގެ މެދުގައި ކުދިކުދި ތަފާތުތަކެއް ހުރެއެވެ. އެހެންކަމުން، އެ މީހަކު ޙައްޖުވާ ގޮތުގެ މައްޗަށް ބިނާކޮށް، އަޅުކަންތައް ކުރިއަށްދާ ތަރުތީބަށާއި ބައެއް މަނާސިކުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ