ބައިސަލް ދުއްވަނިކޮށް އެތުލީޓުގެ މަސްނޫއީ ފައި ނެއްޓިއްޖެ

މުބާރާތަކަށް ޕްރެކްޓިސް ކުރުމަށް ބައިސްކަލް ދުއްވަމުން ދިޔަ އެތުލީޓެއްގެ ޖަހާފައިވާ މަސްނޫއީ ފައި ނެއްޓިގެން ވެއްޓުމުން، މަގުމަތިން ދިޔަ ހިތްހެޔޮ މީހަކު އޭނާއަށް އެހީތެރިވި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މޯލްޓާގެ އުތުރު އައްސޭރީގައި އޮންނަ ސެއިންޓް ޕޯލްސް ބޭގައެވެ.
ކުރީގެ ނޭވަލް އިންޖިނިއަރެއް ކަމަށްވާ ވިންޗެންޒޯ ގަރޮފަލޯ ބައިސްކަލް ދުއްވަމުން ދަނިކޮށް، އޭނާގެ ކަނާތު ފައިގައި ޖަހާފައިވާ ޕްރޮސްތެޓިކް ފައި ކުއްލިއަކަށް ނެއްޓިގެން މަގުމައްޗަށް ވެއްޓުނެވެ. އެ ވަގުތު ބައިސްކަލުގެ ބެލެންސް ހިފެހެއްޓުމަށް އޭނާ މަސައްކަތް ކުރަމުން ދަނިކޮށް، މަގުމަތިން ދިޔަ މީހަކު ވަނީ ވަގުތުން ދުވެފައި ގޮސް އޭނާއަށް އެހީތެރިވެފައެވެ. އެ މީހާ ވަނީ މަގުމައްޗަށް ވެއްޓުނު ފައި ނަގައި، އެތުލީޓަށް ބައިސްކަލުން ނުވެއްޓި ހަމަޖެހިލުމަށް އެހީތެރިވެދީފައެވެ.
މި ހާދިސާގެ ވީޑިއޯ ގަރޮފަލޯ އަމިއްލައަށް މީސްމީޑިއާއަށް ދޫކޮށްލީ، އެހީތެރިވި މީހާއަށް ޝުކުރު އަދާކުރުމަށާއި އެހެން މީހުންނަށް ހިތްވަރު ދިނުމުގެ މަގުސަދުގަ އެވެ. އޭނާ ބުނި ގޮތުގައި ޖިސްމާނީ ނުކުޅެދުންތެރިކަމަކީ ހަމައެކަނި އިންސާނާގެ ސިކުނޑީގައި އޮންނަ ހުރަހެކެވެ. މި ވީޑިއޯއަށް މިހާތަނަށް އަށް މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، ގިނަ ބަޔަކު ވަނީ އެހީތެރިވި މީހާގެ ހިތްހެޔޮކަމަށް ތައުރީފުކޮށްފައެވެ.
ގަރޮފަލޯ އޭނާގެ ވީޑިއޯއާ އެކު ލިޔެފައިވާ ގޮތުގައި، މިފަދަ ކަންކަން މީގެ ކުރިން އޭނާއަށް ފެނިފައިވަނީ ހަމައެކަނި ވީޑިއޯތަކުންނެވެ. ނަމަވެސް އަމިއްލައަށް އެކަން ތަޖުރިބާކުރަން ޖެހުމުން، އެ ވަގުތު ދުވެފައި އައިސް އެހީތެރިވި މީހާއަކީ ވަރަށް މާތް އިންސާނެއްކަން އޭނާ ފާހަގަކުރިއެވެ.
މީސްމީޑިއާގައި މި ވީޑިއޯ ބެލި މީހުން ބުނެފައިވަނީ، އެފަދަ ހާލަތެއްގައި ބައިސްކަލުން ނުވެއްޓި ސަލާމަތްވުމަކީ ވަރަށް ބޮޑު ހުނަރެއް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެހީތެރިވި މީހާގެ އަވަސް ހަރަކާތްތަކަށް ގިނަ ބަޔަކު ވަނީ ސާބަސް ދީފައެވެ.
މި ހާދިސާއާ ގުޅިގެން ލިބެމުންދާ ތަރުހީބަށް ރައްދު ދެމުން ގަރޮފަލޯ ބުނީ، އޭނާގެ ދިރިއުޅުން ވަރަށް އުނދަގޫ ކަމަށާއި، ދިރިއުޅުމުގައި އެތައް ފަހަރަކު އޭނާ ބަލިވެފައިވާ ކަމަށެވެ. ނަމަވެސް ދުވަހަކުވެސް އުންމީދު ދޫކޮށްނުލުމަށް އޭނާ ނިންމާފައިވާ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި ދިރިއުޅުމުގައި ދިމާވި ހިތްދަތި ކަންކަމުގެ ސަބަބުން ދުނިޔެއާ މެދު ދެކޭ ގޮތް ބަދަލުވެ، ކުދިކުދި ކަންކަމާއި މީހުންނަށް ނުފެންނަ ހިތްވަރުގަދަ މަސައްކަތްތަކުގެ އަގުވަޒަން ކުރަން އޭނާއަށް ވަނީ ދަސްވެފައެވެ.
ގިނަ ބަޔަކު އޭނާއަކީ ޗެމްޕިއަނެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ގަރޮފަލޯ ބުނީ އޭނާއަކީ ހަމައެކަނި ދިރިއުޅުމުގައި ދިމާވާ ހުރަސްތަކުގެ ކުރިމަތީގައި އިސްޖަހާލަން ބޭނުންނުވާ އާދައިގެ މީހެއް ކަމަށެވެ. މި ހާދިސާއަކީ އިންސާނިއްޔަތުކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަން ހާމަކޮށްދޭ، ގިނަ ބައެއްގެ ހިތްތަކަށް އަސަރުކުރުވި ހާދިސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ