ބޮޑު ޖަމާޢަތްތަކުގައި ޢީދު ނަމާދު ކުރައްވާ ޚަތީބުން ކަނޑައަޅައިފި

މިއަހަރުގެ އަޟްޙާ ޢީދު ދުވަހު މާލެ ސަރަހައްދުގެ ބޮޑު ޖަމާޢަތްތަކުގައި ޢީދު ނަމާދު ކުރައްވާނެ ޚަތީބުންގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ޖަމާޢަތުގައި ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައި ބާއްވާ ބޮޑު ޖަމާޢަތުގައި އިމާމުވެ ނަމާދު ކުރައްވާނީ އައްޝައިޚް އަބްދުﷲ ސަޢުދާން އެވެ. މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު) ގައި ޢީދު ނަމާދު ކުރައްވާނީ އައްޝައިޚް މުހައްމަދު ލަތީފް އެވެ. އަދި މަސްޖިދުލްމަލިކި ސަލްމާންގައި ޢީދު ނަމާދު ކުރައްވާނީ އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ބާއްވާ ބޮޑު ޖަމާޢަތުގައި އިމާމުވެ ނަމާދު ކުރައްވާނީ އައްޝައިޚް ނަސްރުﷲ އަލީ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައި ޢީދު ނަމާދު ކުރައްވާނީ އަލްހާފިޡް މުހައްމަދު ޙަނޫން ހުސައިން އެވެ. މީގެ އިތުރުން ވިލިމާލޭ ފުޓުބޯޅަ ދަނޑުގައި ބާއްވާ ޢީދު ނަމާދު ކުރައްވާނީ އަލްޤާރީ އަހުމަދު ރިޔާޟް އެވެ.
މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއްގައި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ޢީދު ނަމާދަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ