ފްލޮޓިލާގެ ބައިވެރިންނަށް އަނިޔާކުރި މައްސަލަ މެލޭޝިއާއިން ކޯޓަށް ހުށަހަޅަނީ

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު" ފްލޮޓިލާގައި ހިމެނޭ އެކްޓިވިސްޓުން ރަހީނުކޮށް، އެމީހުންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމަށް މެލޭޝިއާ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މެލޭޝިއާގެ ސެލަންގޯ ސްޓޭޓްގެ ޗީފް މިނިސްޓަރު އަމީރުއްދީން ޝާރީއާ ހަވާލާދީ "މެލޭ މެއިލް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގާނޫނީ ވަކީލުން މައުލޫމާތާއި ހެކިތައް އެއްކޮށް ނިމުނުހާ އަވަހަކަށް މެލޭޝިއާއިން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ އެވެ.
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި މި ފްލޮޓިލާގައި ބައިނަލްއަގުވާމީ 400 އަށްވުރެ ގިނަ އެކްޓިވިސްޓުން ބައިވެރިވި އެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލުގެ ސިފައިން ވަނީ މި އުޅަނދުތަކަށް ހަމަލާދީ، އޭގައި ތިބި މީހުން ހައްޔަރުކޮށްފަ އެވެ.
ކުއާލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި "ގްލޯބަލް ސުމޫދު ފްލޮޓިލާ 2.0" ގެ ބައިވެރިން އެނބުރި އައުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީރުއްދީން ވިދާޅުވީ، މެލޭޝިއާ އޮތީ މިކަމުގައި ހަނު ނުހުރެ ކުރިއަށް ދިއުމަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގާފައިވާ އަމަލުތަކުގެ ލިޔެކިޔުންތައް ގާނޫނީ ޓީމުން އެއްކުރަމުންދާއިރު، ފްލޮޓިލާގެ ބައިވެރިން އެއް ފަހަރަށްވުރެ ގިނަ ފަހަރު ރަހީނުކޮށް، އެމީހުންނަށް އަނިޔާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅުމުގެ އިތުރުން، ޑިޕްލޮމެޓިކް ގޮތުން ފިއްތުންތައް ކުރިއަށް ގެންދާނެ ކަމަށާއި، މި ހަރަކާތް މުޅި މެލޭޝިއާގައި ފުޅާކުރާނެ ކަމަށް ވެސް އަމީރުއްދީން ވިދާޅުވި އެވެ.
އަމީރުއްދީން ވިދާޅުވި ގޮތުގައި މި ގާނޫނީ ފިޔަވަޅު އަޅަން ނިންމީ، ފްލޮޓިލާގެ އެކްޓިވިސްޓުންނަށް، ޚާއްސަކޮށް މެލޭޝިއާގެ ބައިވެރިންނަށް އިސްރާއީލުން ކުރި އަނިޔާތަކާއި، އެމީހުން ރަހީނުކުރުމާ ގުޅިގެންނެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ފިޔަވަޅާއެކު ޣައްޒާ "މިނިވަންކުރުމަށް" ބާރުއެޅުމުގެ ގޮތުން މެލޭޝިއާ ސަރުކާރުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
"ގްލޯބަލް ސުމޫދު ފްލޮޓިލާ 2.0" މިޝަން ނިމުނު ނަމަވެސް، ފަލަސްތީނުގެ ހައްގުގައި މެލޭޝިއާ އާއި ސެލަންގޯ ސްޓޭޓުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އަމީރުއްދީން ވިދާޅުވި އެވެ.
ފަލަސްތީނުގެ މައްސަލައިގައި ވަކާލާތުކުރުން ވަރުގަދަކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި ފަލަސްތީނާ ގުޅޭ ބައިނަލްއަގުވާމީ ކޮންފަރެންސްތައް މެލޭޝިއާގައި ބޭއްވުމަށް ރާވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީރުއްދީން ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން އުވާލަންދެން "ސުމޫދު 3.0" ގެ ނަމުގައި މި މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ