އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހަދައްސާ އީން ކަރެމް މެޑިކަލް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހުން އެކަން ކަށަވަރުކޮށްދީފި އެވެ.
އެކަމަކު ބުނީ ނަތަންޔާހޫ ދަތުގެ ފަރުވާއެއް ހޯދަނީ މަމަށެވެ.
ކެންސަރަށް ވެސް ފަރުވާ ހޯދަމުން އަންނަ، އުމުރުން 76 އަހަރުގެ ނަތަންޔާހޫގެ ސިއްހީ ކަންކަމަށް މިހާރު އިޒްރޭލުގައި ވަރަށް ބޮޑަށް ސަމާލުކަން ލިބެ އެވެ. ސަބަބަކީ އޭނާގެ ސިއްހީ މައުލޫމާތު އާންމުންނަށް ސިއްރުކުރާ ކަމަށް ބުނެ މީގެ ކުރިން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވުމެވެ. މިކަމުގެ ސަބަބުން އިޒްރޭލުގެ ގިނަ ބައެއްގެ މެދުގައި އޭނާގެ ސިއްހީ ހާލަތާ މެދު ބޮޑެތި ޝައްކުތަކެއް ވަނީ އުފެދިފަ އެވެ.
ނަތަންޔާހޫ ވަނީ އޭނާ ކެންސަރަށް ފަރުވާ ހޯދިކަން ވެސް ސިއްރުކޮށްފަ އެވެ. މިދިޔަ މަހު ސޯޝަލް މީޑިއާގައި އޭނާ ބުނި ގޮތުގައި، ޕްރޮސްޓޭޓްގައި އުފެދުނު ކެންސަރުގެ ޓިއުމަރަކަށް ހަދައްސާ ހޮސްޕިޓަލުން ވަނީ ރޭޑިއޭޝަން ތެރަޕީ ހޯދައިފަ އެވެ. އަދި ބަލި ރަނގަޅުވެފައިވާ ކަމަށް ވެސް ބުންޏެވެ. މި ފަރުވާގެ މައުލޫމާތު އާންމުންނަށް ކުރިން ހާމަނުކޮށް ސިއްރުކުރީ، ހަނގުރާމައިގެ ދަނޑިވަޅެއްގައި އީރާނުން އެ މައުލޫމާތުގެ ބޭނުން ހިފައި އިޒްރޭލާ ދެކޮޅަށް ޕްރޮޕެގެންޑާ ފަތުރާފާނެތީ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، ކެންސަރު ހުރިކަން އެނގުނީ ކޮން އިރަކު ކަމެއް އަދި ފަރުވާ ފެށީ ކޮން ދުވަހަކު ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.
އޮޅުވާލުންތަކެއް ހުރި މެޑިކަލް ރިޕޯޓެއްގެ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. ނަތަންޔާހޫގެ ކެންސަރުގެ ބަލި ހާމަކުރުމާ އެކު އޭނާގެ އަހަރީ ސިއްހީ ރިޕޯޓު އާންމުކުރި ނަމަވެސް، އެ ރިޕޯޓުގައި ހިމެނެނީ ބައި ސަފުހާ އެވެ. އޭގައި ހިމަނާފައި އޮތީ ރަނގަޅަށް މައުލޫމާތު ނުހިމަނާ ފަސް ނުކުތާއެކެވެ. އަދި އެއީ ކޮން އަހަރެއްގެ ރިޕޯޓެއް ކަމެއް ވެސް ބަޔާންކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން އެ ލިޔެކިޔުންތަކުގައި އެއްވެސް ހޮސްޕިޓަލެއްގެ ލޯގޯ ނުވަތަ ރަސްމީ މެޑިކަލް ބަޔާނެއްގެ ނިޝާނެއް ނެތެވެ.
ޖުލައި 2023 ގައި ނަތަންޔާހޫގެ ހަށިގަނޑުގައި ޕޭސްމޭކަރެއް ހަރުކުރިއިރު، ފުރަތަމަ އޭނާގެ އޮފީހުން ބުނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ "ޑީހައިޑްރޭޝަން" އާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން ހޮސްޕިޓަލުން އޭނާގެ ހިތުގެ ހިނގުން ހަމަޔަކަށް އަޅުވަން "ހާޓް މޮނިޓަރެއް" ހަރުކުރިކަން ހާމަކުރުމުން، ސަރުކާރުން ހަގީގަތް ސިއްރުކުރި ކަމަށް ބުނެ ބޮޑެތި ފާޑުކިއުންތައް އަމާޒުވިއެވެ.
ނަތަންޔާހޫ މާޗު 2024 ގައި ހާނިޔާ ސާޖަރީއެއް އަދި ޑިސެމްބަރު 2024 ގައި ޕްރޮސްޓޭޓް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ.
މިފަހަރު ދަތުގެ ފަރުވާއަކަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުންޏަސް، ބޮޑުވަޒީރުގެ އޮފީހުން އޭނާގެ ހާލަތާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ނަތަންޔާހޫ ހޮސްޕިޓަލަށް ގެންގޮސްފި، ބުނަނީ ދަތުގެ ފަރުވާއަކަށޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ