ބޮލީވުޑްގެ ތަރި ރަންވީރު ސިންގް، ފަރުހާން އަޚްތަރުގެ "ޑޮން 3" އިން ކުއްލި ގޮތަކަށް ވަކިވި މައްސަލައިގައި ބޮލީވުޑްގެ ފިލްމީ މަސައްކަތްތެރިންގެ އެންމެ ބޮޑު ޖަމިއްޔާ އިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައި ބޮލީވުޑްގައި މަސައްކަތް ކުރުން މަނާކޮށްފި އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ) އިން ވަނީ ރަންވީރުއާ އެކު ފިލްމީ ދާއިރާގެ އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް އަންގައި "ނޮން-ކޯޕަރޭޝަން ޑައިރެކްޓިވް" އެއް އިއްޔެ ނެރެފަ އެވެ.
މިއީ ބޮލީވުޑްގެ ތާރީހުގައި ވެސް އޭ ލިސްޓެޑް ތަރިއަކާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
މި މައްސަލަ ފެށުނީ ޝާހްރުކް ޚާންގެ ބަދަލުގައި "ޑޮން 3"ގެ ލީޑު ރޯލަށް ސޮއިކޮށްފައިވާ ރަންވީރު، ފިލްމުގެ ޝޫޓިން ފެށުމަށް އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ފިލްމުން ވަކިވުމާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ރަންވީރު ފިލްމުން ވަކިވީ އޭނާގެ ފަހުގެ ފިލްމު "ދުރަންދަރު"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، "ޑޮން 3"ގެ ސްކްރިޕުޓްގައި ހުރި ބައެއް ކަންކަމާ (ހާއްސަކޮށް އަނިޔާވެރި މަންޒަރުތަކާއި ބޭނުންކޮށްފައި ހުރި ބައެއް ބަސްމަގާ) ހިތްހަމަނުޖެހިގެން، ސްކްރިޕްޓް ބަދަލުކުރަން އެދުމުން އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގަ އެވެ.
ފިލްމުގެ ޕްރޮޑަކްޝަން ހައުސް "އެކްސެލް އެންޓަޓެއިންމަންޓް"ގެ ވެރިން ކަމަށްވާ ފަރުހާން އާއި ރިތޭޝް ސިދްވާނީ ހާމަކުރި ގޮތުގައި، ރަންވީރު ވަކިވި އިރު ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް 45 ކްރޯޑް ރުޕީސް ވަނީ ހަރަދުކޮށްފަ އެވެ. އެހެންވެ، އެ ގެއްލުމުގެ ބަދަލު ރަންވީރުގެ ކިބައިން ހޯދުމަށް ފަރުހާން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ފަރުހާން މި މައްސަލަ އިންޑިއަން ފިލްމް އެންޑް ޓެލެވިޜަން ޑައިރެކްޓާސް އެސޯސިއޭޝަން މެދުވެރިކޮށް އެފްޑަބްލިއުއައިސީއީއަށް ހުށަހެޅުމުން، އެ ޖަމިއްޔާ އިން ވަނީ ޖަވާބުދާރީވުމަށް ރަންވީރަށް ތިން ފަހަރެއްގެ މަތިން ނޯޓިސް ފޮނުވައިފަ އެވެ. ނަމަވެސް، ރަންވީރުގެ ޓީމުން ވަނީ މިއީ މިފަދަ ކޮންޓްރެކްޓް މައްސަލަތައް ހައްލުކުރަން އެންމެ އެކަށީގެންވާ މުއައްސަސާ ނޫން ކަމަށް ބުނެ އެތަނަށް ހާޒިރުވާން އިންކާރުކޮށްފަ އެވެ.
މިކަމާ ގުޅިގެން އެފްޑަބްލިއުއައިސީއީގެ ރައީސް ބީރެންދަރު ނާތު ތިވާރީ ބުނީ ފިލްމެއްގެ މަސައްކަތް ހުއްޓުމުން އޭގެ އަސަރު އެތައް ހާސް އާދައިގެ މަސައްކަތްތެރިންނަށް ވެސް ކުރާ ކަމަށާއި ކިތަންމެ ބޮޑު ސުޕަސްޓާރެއް ނަމަވެސް ފިލްމީ ދާއިރާގެ ގަވާއިދުތަކަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށެވެ.
އެހެންވެ، ރަންވީރު އަމިއްލައަށް އެ ބޯޑަށް ހާޒިރުވެ މައްސަލަ ހައްލުކުރަންދެން، ބޮލީވުޑްގެ އެއްވެސް ޓެކްނީޝަނެއް، އެކްޓަރެއް ނުވަތަ ޕްރޮޑަކްޝަން ހައުސްއަކުން އޭނާއާ އެކު މަސައްކަތް ކުރުން ވަނީ މަނާކޮށްފަ އެވެ.
މިކަމާ ގުޅިގެން ރަންވީރުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިލްމީ ދާއިރާއަށާއި "ޑޮން" ފްރެންޗައިޒްގެ ހުރިހާ ބައިވެރިންނަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ މި މައްސަލައާ ގުޅިގެން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވުނު ނަމަވެސް، ރަންވީރު ގަބޫލުކުރަނީ މިފަދަ ފްރޮފެޝަނަލް ކަންކަމަކީ އަބުރުވެރިކަމާ އެކު ދެފަރާތުން ވާހަކަދައްކައިގެން ހައްލުކުރަން ޖެހޭ ކަންކަން ކަމަށެވެ. އެހެންވެ، އޭނާ މި ވަގުތު އިހުތިޔާރުކުރީ ހަނުހުރުން ކަމަށާއި ކުރިއަށް ހުރި އޭނާގެ އެހެން މަސައްކަތްތަކަށް ސަމާލުކަންދީ، "ޑޮން" ފްރެންޗައިޒަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބޮލީވުޑްގައި ބޮޑު ކަންތައްގަނޑެއް: ރަންވީރު ފިލްމު ކުޅުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ