އެލްޖީއޭގެ އަތޮޅު އޮފީސްތަކަށް ސިޔާސީ ވެރިން ނުލައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އަތޮޅު ކައުންސިލްތައް އުވާލުމާއެކު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަތޮޅުތަކުގައި ގާއިމުކުރާ އޮފީސްތަކަށް ސިޔާސީ ވެރިން ނުލައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، ކުރިން އޮތް ގޮތަށް އަތޮޅު އޮފީސްތައް އުފައްދަވައި، އެތަންތަނަށް އަތޮޅުވެރިން އައްޔަން ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް ރައީސުލްޖުމްހޫރިއްޔާއާއެކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރީ ޒަމާނުގައި އޮތް އަތޮޅު އޮފީސްތައް އިއާދަކުރުމުގެ އެއްވެސް ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ. އަދި އެލްޖީއޭއިން އަތޮޅުތަކުގައި ގާއިމުކުރާ އޮފީސްތަކަށް "އެލްޖީއޭގެ އަތޮޅު އޮފީސް" ގެ ނަން ދިނުމަކީ އެ އޮތޯރިޓީން ހުށަހެޅި ނަންތަކުގެ ތެރެއިން ދެއްވި ލަފައެއް ކަމަށާއި، އެތަންތަން ހިންގުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އެލްޖީއޭއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް ރައީސުލްޖުމްހޫރިއްޔާއާއެކު" ޕްރޮގްރާމުގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް ސިޔާސީ ވެރިން އައްޔަން ނުކުރައްވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ދެން އެ އޮފީސްތަކަށް އަތޮޅުވެރިންނެއް ނުލައްވާނެ ކަމަށެވެ. އަދި ގަވަރުނަރުން ވެސް، އެކަހަލަ އެއްވެސް ސިޔާސީ ވެރިޔަކު އެތަންތާކަށް ނުލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެން އެ އޮފީސްތަކަށް އަތޮޅުވެރިންނެއް ނުލާނަން. ނޫނިއްޔާ ގަވަރުނަރުން ވެސް، އެކަހަލަ އެއްވެސް ސިޔާސީ ވެރިޔަކު އެތަންތާކަށް ނުލާނަން އަޅުގަނޑެއް،" ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އަތޮޅުވެރިން ނުވަތަ ގަވަރުނަރުން އެ އޮފީސްތަކަށް އައްޔަން ކުރުމާއި، އަތޮޅު ކައުންސިލަރެއް އިންތިޚާބު ކުރުމާ ދެމެދު މާބޮޑު ތަފާތެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ސިޔާސީ ވެރިން ލާނަމަ އޭގެ ބަދަލަކީ ކުރިން އޮތް ގޮތަށް އަތޮޅު ކައުންސިލް ރައީސް ހޮވައިގެން ބެހެއްޓުން ކަމަށެވެ. https://sun.mv/222125 "ސިޔާސީ ވެރިން ލާންވެއްޖެއްޔާ ކޮބައިތޯ އޭގެ ބަދަލަކީ. އެނޫނިއްޔާ ހަމަ ކުރިން އޮތްގޮތަށް އަތޮޅު ކައުންސިލް ރައީސް ވެސް ހޮވައިގެން ބަހައްޓަންވީ ނޫންތޯ،" ރައީސް ވިދާޅުވިއެވެ. އެލްޖީއޭއިން މައުލޫމާތު ދޭގޮތުގައި، މި އޮފީސްތަކަކީ އެ އޮތޯރިޓީގެ ގޮފިތަކެއްގެ ގޮތުގައި މަސައްކަތްކުރާނެ ތަންތަނެވެ. މި ތަންތަނުގެ މައިގަނޑު މަސައްކަތަކަށް ވާނީ އެލްޖީއޭގެ މައި އޮފީހުން ކައުންސިލްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމެވެ. މީގެ ސަބަބުން ކައުންސިލްތަކާއި އެލްޖީއޭއާ އޮންނަ ގުޅުން ބަދަހިވެ، ގާނޫނީ ޒިންމާތައް އަދާކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ކައުންސިލްތައް އުވިފައިވާއިރު، އެ ކައުންސިލްތައް ހިންގި އިމާރާތްތަކުގައި އެލްޖީއޭގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. https://sun.mv/219616 ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ އޮފީސްތަކުގައި މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރައާއި މަގާމުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ސަރުކާރުން ބުނީ މި ބަދަލަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން އެތަންތަނުގައި އެލްޖީއޭގެ އޮފީސްތައް ގާއިމުކޮށް، ކުރިން ދެމުން އައި ހުރިހާ ޚިދުމަތްތަކެއް އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ