ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

ދިވެހިރާއްޖެއިން ޙާއްޖަށްދިޔަ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕްގައި 262 ޙައްޖާޖީން ރާއްޖެ އައިސްފައިވެއެވެ. ދެވަނަ ފްލައިޓްގެ ޙައްޖުވެރިން ރާއްޖެއަށްއައީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ ހުކުރު ދުވަހުގެރޭގައެވެ. އެފްލައިޓުގައި 240އަށްވުރެ ގިނަ ޙާޖީން ރާއްޖެ ދައައިސްފައިވެއެވެ. މީގެ އިތުރުން ހޯމަ އަދި އަންގާރަ ދުވަހު ފަހު ފްލައިޓު އޮންނާނެއެވެ.
މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ސައުދީ އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 1,019 މީހުން ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވެފައިވެއެވެ. ޙައްޖުވެރިން އެނބުރި އައުމާ ގުޅިގެން، އެ ފަރާތްތަކުގެ ދަތުރުފަތުރުގެ ކަންކަން ވީހާވެސް އޮމާންކޮށް އަދި ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެމްޓީސީސީ ގުޅިގެން ވަނީ ޙާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. މި އިންތިޒާމްތަކުގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހައްޖުވެރިންނަށް ހާއްސަ ހެލްޕް ޑެސްކެއް ވަނީ ގާއިމްކޮށްފައެވެ. އަދި އެއާޕޯޓުން މާލެއާއި ހުޅުމާލެއަށް ދަތުރުކުރާ ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ޓެކްސީ ލައިންގެ އެހީގައި ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޙައްޖުވެރިންގެ ކަންކަން ވީހާވެސް ފުރިހަމައަށް އިންތިޒާމްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ