ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގައުމީ ފެންވަރުގައި އޮންނަންޖެހޭ ކަމެއް: މެޑަމް ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރުން ހާމަކޮށްދެނީ އެ ގައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފ.ނިލަންދޫގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަދައްކަވަމުންނެވެ.
މިއަދުގެ ހަފުލާގައި ސާޖިދާ ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލޯގޯ އިފްތިތާހްކޮށްދެއްވާފައެވެ.
މެޑަމް ސާޖިދާގެ ވާހަކައިގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު "ދަނޑުން ސުފުރާއަށް" ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މި އަމާޒަށް ވާސިލުވުމަކީ ހަމައެކަނި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުވަތަ އޮތޯރިޓީތަކުން މަސައްކަތް ކޮށްގެން އެކަނި ހާސިލުވާނެ ކަމެއް ނޫން ކަމަށާއި، މިއީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމުގައި ދެކެންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"މިކަމަށްޓަކައި އަޅުގަނޑުމެންގެ ހަމައެކަނި އޮތޯރިޓީތަކުން މަސައްކަތް ކުރުމަކުން މިކަން ހައްލެއް ނުވާނެ. ނަމަވެސް މި ޒިންމާއަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ދެކެންޖެހޭ. އެހެން ނޫންކަމުގައި ވަނީ ނަމަ މިކަމެއް އަޅުގަނޑުމެންނަކަށް ހާސިލު ވެގެނެއް ނުދާނެ. " މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، އޭގެ ސަބަބުން ސިއްހީ ރައްކާތެރިކަމާއި، އުފާވެރިކަމުގެ އިތުރުން އަހުލާގީ އަދި ތަހުޒީބީ ހިތްހަމަޖެހުން ލިބިގެންދާ ކަމަށެވެ.
ރާއްޖެ އުފެދިފައިވާ ގޮތުންނާއި ޖިއޮގްރަފިކަލް ސަބަބުތަކަށްޓަކައި، ކާބޯތަކެތީގެ ބާވަތްތައް ފުޅާދާއިރާއެއްގައި އުފައްދައި ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިހާރުގެ ޓެކްނޯލޮޖީގެ އެހީގައި އާންމު ގޭބިސީގެ ފެންވަރުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރިތައް ކުރިއަށް ގެންދިއުމަކީ ދަތި ކަމެއް ނޫންކަމަށް އެކަމަނާ ވިދާޅުވިއެވެ. މިގޮތުން، ސަރުކާރުގެ "ވަންގަވް" ޕޯޓަލް މެދުވެރިކޮށް މިފަދަ ކަންކަމަށް މަގުފަހިވަމުންދާކަން އެކަމަނާ އުފަލާއެކު ފާހަގަކުރެއްވިއެވެ.
"މޭވާ އާއި ތަރުކާރީ ފަދަ ގަސްތައް ހެއްދުމުގެ ތަފާތު އިލްމީ އާ އެތައް ގޮތްތަކެއް މިހާރު ހަމަ އާންމު ގޭގޭގައި އެބަ ބޭނުންކުރޭ. އެހެންނަމަވެސް މިފަދަކަންކަން ކުރަމުންދާއިރު އަޅުގަނޑުމެން ކާބޯތަކެތީގެ ރައްކާތެރި ކަމަށް ހުރި އިތުރު ގޮންޖެހުންތަކެއް ފެނިގެންދޭ." އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަ ނިންމަވާލެއްވީ، ޓެކްނޮލޮޖީގެ އެހީގައި މިފަދަ ކަންކަން ދަސްކޮށްގެން ކުރިއަށް ދިއުމަކީ ދިވެހިންނަކީ ކާބޯތަކެތީގެ އުފެއްދުންތެރިކަމުގައި މުރާލި އަދި ވިސްނުންތެރި ބައެއްކަން ހާމަވާ ކަމެއްކަން ފާހަގަކުރައްވަމުންނެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން މިކަންކަން ހައްލުކޮށްގެން ކުރިއަށް ދިއުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ