ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެލާނާ އެއާޕޯޓުގައި ''ކާމް ރޫމް''އެއް ހުޅުވައިފި

ޖިސްމާނީ ގޮތުން ނުފެންނަ ބަލިތައް ތަހައްމަލުކުރާ މީހުންނާއި އެކި ސަބަބުތަކާ ހެދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ''ކާމް ރޫމް''އެއް ހުޅުވައިފިއެވެ. ވެލާނާ އެއާޕޯޓުގެ އެއްވަނަ ޓާމިނަލްގައި ކާމް ރޫމް ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. އެމްއޭސީއެލްއިން ބުނީ އެ ކާމް ރޫމަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އިތުރު އެހީތެރިކަމަށް ބޭނުންވާ ދަތުރުވެރިންނަށް ޚާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދޭނެ ކޮޓަރިއެއް ކަމަށެވެ. އެއީ، އެއާޕޯޓުގެ މާހައުލަކީ އެކަށީގެންވާ ޚިދުމަތްތަކެއް ލިބޭ މާހައުލަކަށް ހެދުމަށް، އެމްއޭސީއެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. https://x.com/MACLmedia/status/2063578168762708305 އެމްއޭސީއެލްއިން ބުނީ މި ކާމް ރޫމުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ސެންސަރީ ތަކެއްޗާއި ކުރެވޭނެ ކަންތައްތައް ހުންނާނެ ކަމަށެވެ. އަދި ފަސިންޖަރާއެކު އަންނަ އެހީތެރިޔާއަށް މަޑުކޮށްލައިގެން އިނދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއޭސީއެލްއިން ބުނީ ކާމް ރޫމުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއި ކާޑެއް ދޭނެ ކަމަށެވެ. އެ ލެންޔާޑުގެ ސަބަބުން އެ މީހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްކަން ފަސޭހައިން ދެނެގަނެ އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ