20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑްގެ އިންތިހާބު ބާއްވައިފި

ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ރެއާލް މެޑްރިޑްގެ ރައީސް ކަމުގެ އިންތިހާބު 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ރެއާލް މެޑްރިޑް އަށް ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް އެދެވޭ ކާމިޔާބީއެއް ހޯދިފައިނުވާއިރު މި ސީޒަނުގައި އެ ޓީމަށް ސީޒަން ނިންމާލަން ޖެހިފައިވަނީ މުބާރާތެއް ކާމިޔާބުނުކޮށެވެ.
ރެއާލް މެޑްރިޑްގެ ބާސްކެޓް ބޯޅަ ކޯޓުގައި ކުރިއަށްދިޔަ އިންތިޚާބުގައި ވާދަކޮށްފައިވަނީ އެ ކްލަބުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި އެންރީކޭ ރިކެލްމޭ އެވެ.
އުމުރުން 79 އަހަރުގެ ފްލޮރެންޓީނޯ ޕެރޭޒްގެ ދައުރުގެ ދެ އަހަރު ބާކީ އޮއްވާ އިންތިހާބެއް ބާއްވަން އޭނާ ނިންމާފައިވަނީ ކްލަބަށް ކާމިޔާބީ ނުހީދި ދިއުމާއި ގުޅިގެން ކްލަބުގެ އެތެރޭގައި އުފެދިފައިވާ ހިތްހަމަނުޖެހުމާއި ގުޅިގެންނެވެ.
ރައީސް ކަމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ވެސް ވަނީ ވަރުގަދަ ވައުދުތަކަކާއިއެކު ފޯރިގަދަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޕެރޭޒް ވަނީ އެ ކްލަބުގެ ކޯޗަކަށް ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ގެންދިއުމަށް މިހާރުވެސް ނިންމާފަ އެވެ. އަދި އިންތިޚާބަށްފަހު އޭނާ އެ ކްލަބުގެ އެގްރިމެންޓުގައި ސޮއި ކުރާނެކަމަށް ބެލެވެ އެވެ.
ޕެރޭޒް ވަނީ މޮރީނިއޯގެ އިތުރުން ނަން މަޝްހޫރު ކުޅުންތެރިން ކަމުގައިވާ އިންޓަރ މިލާނުގެ ޑިފެންޑަރ ޑަމްފްރީސް އާއި ލިވަޕޫލްގެ ކޮނާޓޭ އެ ކްލަބަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަނެއްކޮޅުން ރެކެލްމޭ ވަނީ އޭނާ އިންތިހާބު ކާމިޔާބުކޮށްފިނަމަ މެންޗެސްޓަރ ސިޓީ އަށް ކުޅެމުންދާ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް އެ ކްލަބަށް ގެންދާނެކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ