ބޮޑުތަކުރުފާނު މަގު: ނަރުދަމާއާއި ފެނުގެ މަސައްކަތް ނިމެނީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓުތަކުގެ އައު ނަރުދަމާ އަދި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް މިހަފުތާތެރޭ ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢުގެ ދަށުން އެ މަގުގެ 3 ސެގްމެންޓެއްގެ މަސައްކަތް އެއްފަހަރާ ކުރިއަށް ގެންދެއެވެ.
މާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ދަށުން، މިހާރު ކުރިއަށްދަނީ ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތެވެ. މިމަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެއްގަމު ތޮށި ބޭރަށް ޖައްސާނެއެވެ. އަދި މަގުގެ މަސައްކަތް ނިންމާލާނީ ތާރުއަޅައިގެންނެވެ.
މިމަސައްކަތުގެ އަދާހަމަ ހިއްސާކުރައްވާ އެމްޓީސީސީން ވިދާޅުވީ، ބޮޑުތަކުރުފާނުގެ މަގުގެ މަސައްކަތް ތާވާލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިން މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި 150 މީޓަރު ކޮންކްރީޓް އެޅޫމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މަމަޝްރޫޢުގެ ދަށުން މަގު ފުޅާކުރުމަށް ފަހު މަގުގައި އަޅާފައިވާ ހުރި ފެނާއި ނަރުދަމާ ހޮޅިތައްވެސް ދަނީ އަޅަމުންނެވެ. މިމަސައްކަތް މިހާރު ނިންމައި ކުރަމުން ދަނީ ފެނާއި ނަރުދަމާ ގުޅުމުގެމަސައްކަތް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އެ މަސައްކަތުގެ 87 އިންސައްތަ އެކުންފުނިން ވަނީ ނިންމާފައެވެ. އަދި މިހަފުތާގެ ނިޔަލަށް މިމަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، މަޝްރޫޢުގެ ތެރެއިން ކުރަންޖެހޭ އެހެނިހެން މަސައްކަތްވެސް ދަނީ ފުރިހަމަކުރަމުންނެވެ. އެގޮތުން ދުވާރުގެ މަސައްކަތާއި މައި ފެންހޮޅި ވަޅުލުމާއި، ދުވާރުގެ އަރިމަތީ ގާއެޅޫމާއި މަގުގެ ކޭބަލް ޖަންކްޝަން މަސައްކަތާއި ފެން ހިންދާ ނިޒާމުގެ މަސައްކަތުގެ އިތުރުން މަގު ތާރުއެޅުމުގެ ކުރިން މަގު އެއްވަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަނީ، ވަރަށް ބާރު ދުވެލީގައި ކުރަމުންނެވެ. އެމްޓީސީސީގެ އަމާޒަކީ، މިމަހުގެ ނިޔަލަށް މިމަގުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ކުރަމުންދާ މަސައްކަތްތައް ނިންމާލުމެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމޭއިރު، 500 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ އިންތިޒާމާއެކު ބޭންކް އޮފް ސިލޯން ކުރިމަތިން ބޮޑު ޕާކިންގއެއް، ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ބަނދަރުން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ. ހަމައެއާއެކު މަގު ތަރައްޤީ ކުރުމަށް ކުރިން ކުރިއަށް ގެންދިޔަ ސެގްމަންޓުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު، އެމްޓީސީސީން ވަނީ މަގު ފެހިކުރުމަށް، އެސަރަޙައްދުން ނެގި ގަސްތައް އަލުން އިންދުމުގެ މަސައްކަތްވެސް ކޮށްފައެވެ.
މަގު ހެދުމުގެ މަސައްކަތުގައި ހިމެނެނީ، ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް އޮތް ސަރަޙައްދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ