އަލްކާ އާއި މާދަވަން އަށް އިންޑިއާ ސަރުކާރުގެ ޝަރަފުގެ އިނާމު

އިންޑިއާގެ ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ އިނާމު "ޕަދްމާ އެވޯޑް" ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަލްކާ ޔާގްނިކް އާއި އެކްޓަރު އާރު މާދަވަން އަށް އިއްޔެ ލިބިއްޖެ އެވެ. 
ނިއު ދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގެ ކަމަށްވާ ރާޝްތުރަޕަތީ ބަވަންގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ދުރޫޕަދީ މުރުމޫ ވަނީ އެ ގައުމުގެ އެންމެ ޝަރަފުވެރި މަދަނީ އެވޯޑުތައް ކަމަށްވާ "ޕަދްމާ އެވޯޑްސް"ގެ މި އަހަރުގެ ބައެއް ބައިވެރިންނަށް އެވޯޑު ހަވާލުކުރައްވައިފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހިންދީ ސިނަމާއަށް ރީތި ލަވަތަކެއް ކިޔާފައިވާ ކާމިޔާބު ލަވަކިޔުންތެރިޔާ އަލްކާއަށް ދިނީ އިންޑިއާގެ ތިންވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ ޕަދްމާ ބޫޝަން އެވެ. އަލްކާ ކިޔާފައިވާ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޗޯލީ ކޭ ޕީޗޭ" އާއި "ދިލް ނޭ ޔޭ ކަހާ ހޭ ދިލް ސޭ" އަދި "ކުޗް ކުޗް ހޯތާ ހޭ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.
ހަމައެއާ އެކު، ތަމަޅަ އާއި ތެލުގޫ އަދި ހިންދީ ފިލްމުތައް ކުޅެފައިވާ ހުނަރުވެރި އެކްޓަރު މާދަވަންއަށް ވަނީ ޕަދްމާ ޝްރީ އެވޯޑް ދީފަ އެވެ. މާދަވަން އެ އެވޯޑާ ހަވާލުވީ އޭނާގެ އަންހެނުން ސަރިތާ އާއި ދަރިފުޅު ވޭދާންތުގެ ކުރިމަތީގަ އެވެ.
އެވޯޑް ލިބުމުން މާދަވަން ބުނީ މިއީ ހަމައެކަނި އެވޯޑެއް ނޫން ކަމަށާއި މިއީ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތެދުވެރިކަމާ އެކު މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މާދަވަން އެންމެ ފަހުން ކުޅުނު ފިލްމަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު "ދުރަންދަރު"ގެ ދެ ފިލްމެވެ. މީގެ އިތުރުން އޭނާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" އަށް ގައުމީ އެވޯޑް ވެސް ލިބިފައިވެ އެވެ.
އެ ރަސްމިއްޔާތުގައި މަލަޔާޅަމް ސިނަމާގެ ލެޖެންޑް، އުމުރުން 74 އަހަރުގެ މަމޫޓީއަށް ވެސް ވަނީ ޕަދްމާ ބޫޝަން އެވޯޑު ދީފަ އެވެ. ހަތަރުސަތޭކައަށް ވުރެ ގިނަ ފިލްމު ކުޅެ، ތިން ފަހަރު ގައުމީ އެވޯޑް ހޯދާފައިވާ މަމޫޓީ އެވޯޑާ ހަވާލުވީ އިރު، އޭނާގެ ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ދުލްގަރު ސަލްމާން ވެސް ބައްޕައަށް ހިތްވަރު ދިނުމަށް އެތަނުގައި ހުއްޓެވެ. 
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ހޯމް މިނިސްޓަރު އަމީތު ޝާހު ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތަކީ މި އަހަރުގެ ޕަދްމާ އެވޯޑްސް ދިނުމަށް ބޭއްވި ދެވަނަ ރަސްމިއްޔާތެވެ. ފުރަތަމަ ރަސްމިއްޔާތު ބާއްވާފައި ވަނީ މިދިޔަ މަހު 25 ގަ އެވެ. މިއަހަރު ޖުމްލަ 131 މީހަކަށް އެވޯޑު ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފަސް ޕަދްމާ ވިބޫޝަން، 13 ޕަދްމާ ބޫޝަން، އަދި 113 ޕަދްމާ ޝްރީ އެވޯޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ