ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ފާސްކޮށްފި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސާސީ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މީހުން ހޮވުމަށާއި، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބުތައް ބާއްވަންވާނީ ދެ އިންތިހާބު އެކީގައިކަމަށް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ، ތަޅުމަށް ހާޒިރުވެ ތިބި ޕީއެންސީގެ މެމްބަރުންގެ ވޯޓާއި އެކު އެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ފެންނަކަމަށް 72 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ވެސް ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ބިލުގެ ކޮމިޓީ ރިޕޯޓުގެ ބަހުސެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ސްޕޮންސަރ ކުރެއްވި ބިލުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރުކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ބިލުގައި ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ 2028، ޑިސެމްބަރު 1 ގައިކަމަށެވެ. އެހެންކަމުން އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާއި އެކު މަޖިލިސް އިންތިހާބު ވެސް ބާއްވަންވާނެކަމަށް ވެއެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ އިސްލާހަށް ދެކޮޅު ހައްދަވައި، ދައުރުން ބޭރުން މި މަސައްކަތް ކުރިޔަށް ގެންދާތީ އެކަމާ މެދު ސުވާލު އުފައްދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ