ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުކުރަން ގައުމީ ކެމްޕޭނެއް

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމަށްޓަކައި 5 އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ސަރުކާރުން ލޯންޗުކޮށްފި އެވެ.
މި ކެމްޕޭން ލޯންޗުކުރީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ފަސް އަހަރަށް މި ކެމްޕޭން ލޯންޗުކުރެވިފައިވަނީ މިއީ ކުރުމުއްދަތެއްގައި ނަތީޖާ ހާސިލްކުރެވޭނެ ފަދަ ކަމަކަށް ނުވާތީ ކަމަށާއި މިފަދަ ކަމެއްގައި ސަރުކާރާއި ރައްޔިތުންނާޢި ޖަމިއްޔާ ޖަމާޢާތްތަކާޢި ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށް މުހިންމުވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ކޮށްފައި ހުރި މިފަދަ ކޮންމެ ކަމެއްގައިވެސް ދިވެހި ރައްޔިތުންގެ ބައިވެރިވުން ވަރަށް ސާބިތުކަމަކާއެކު ދައްކުވައިދީފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ.
މީގެ އިތުރުން މިފަދަ ބޮޑު ގައުމީ ކެމްޕޭނެއްގެ ނަތީޖާ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުން ނެތި ނުފެންނާނެކަމަށްވެސް މިނިސްޓަރު ގީލާ ވަނީ ވިދާޅުވެފަ އެވެ.
މި ކެމްޕެއިންގެ ތެރެއިން އެކި ދައިރާތަކުން ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ނިންމަވާފައިވެ އެވެ. އޭގެ ތެރޭގައި ތަޢުލީމީ ދައިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދާއިރާގެ އިތުރުން ޖަމީއްޔާ ޖަމާޢާތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ