ކަސްރަތުކޮށް، ބަރުދަން ލުއި ކުރުމަށް ޓްރަމްޕަށް ލަފާދީފި

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެއި މަހުގެ ފިޒިކަލް ރިޕޯޓު ހުކުރު ދުވަހު އާންމުކޮށްފައިވާއިރު، އެމަނިކުފާނުގެ ސިއްޙީ ހާލަތު ރަނގަޅު ކަމަށް ފާހަގަ ކުރި ނަމަވެސް ބަރުދަން ލުއިކޮށް އިތުރަށް ކަސްރަތު ކުރުމަށް ރިޕޯޓުގައި ލަފާދީފިއެވެ. ރިޕޯޓުގައި ޑޮކްޓަރު ފާހަގަކުރައްވާފައިވާ ގޮތުގައި ޓްރަމްޕްގެ އިސްކޮޅަކީ ހަ ފޫޓް ތިން އިންޗި އެވެ. އަދި ބަރުދަނުގައި 107 ކިލޯ ނުވަތަ 238 ޕައުންޑް ހުންނަ ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ ފިޒިކަލް ރިޕޯޓުގައިވާ ގޮތުން ޓްރަމްޕްގެ ބަރުދަނުގައި ހުރީ 101 ކިލޯ ނުވަތަ 224 ޕައުންޑެވެ. "ރައީސް ޓްރަމްޕް އަދިވެސް ހުރީ ރަނގަޅު ސިއްޙަތެއްގައި، ކާޑިއަކް، ޕަލްމޮނަރީ، ނިއުރޯލޮޖިކަލް، އަދި ޖުމްލަ ފިޒިކަލް ފަންކްޝަންސް ރަނގަޅު." ވައިޓް ހައުސްގެ ފިޒިޝަން ޑރ.ޝޯން ބާބަބެލާ ވިދާޅުވިއެވެ. ބާބަބެލާ ވިދާޅުވި ގޮތުގައި، ޓްރަމްޕަށް ވަނީ ކެއުން ގެންގުޅުއްވާނެ ގޮތާއި، ހަރަކާތްތައް އިތުރުކުރުމާއި ބަރުދަން ލުއި ކުރުމާބެހޭ ގޮތުން ކައުންސެލިން ދީފައެވެ. ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ ތިން ފަހަރަށް ފިޒިކަލް ރިޕޯޓު ހައްދަވާފައެވެ. އެންމެ ފަހުގެ ޗެކްއަޕަށް ހޮސްޕިޓަލަށް ޓްރަމްޕް ވަޑައިގެންނެވުމުގެ ކުރިން ވައިޓް ހައުސްއިން ވަނީ ދަތުގެ ޗެކްއަޕް ހިމެނޭހެން އިތުރު ޓެސްޓްތައްވެސް ހައްދަވާނެކަން ހާމަކޮށްފައެވެ. މިދިޔަ އަހަރު ވެރިކަމާހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕްގެ ސިއްޙަތާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް އާންމުވުމާއެކު، ވައިޓް ހައުސްއިން ވަނީ ޓްރަމްޕްގެ ޖިސްމާނީ ހާލަތާ ގުޅޭ އާ ތަފްސީލުތަކެއް ހާމަކޮށްފައެވެ. އެގޮތުން ޓްރަމްޕްގެ ފައިގެ ނާރުތައް ދުޅަވަނީ ނާރުތަކުގައި ލޭ ދައުރުވާން ޖެހޭ ގޮތަށް ދައުރުނުވެ، އެއްތަނަށް ޖަމާވަމުންދާތީ ނުވަތަ ކްރޮނިކް ވީނިއަސް އިންސަފިޝިއަންސީގެ ސަބަބުން ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ޓްރަމްޕް އިސްޓާކީނެއް ބޭނުންފުޅު ކުރެއްވި ކަމަށާއި ނަމަވެސް އުނދަގޫފުޅުވާތީ ފަހުން އިސްޓާކީނު ބޭނުން ނުކުރައްވާ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ. ޓްރަމްޕްގެ ފައިގެ ނާރުތައް ދުޅަވެފައި ހުންނާތީ އެ ވާހަކަތައް ދާދިފަހުން މީޑިއާގައި ވަރަށް ބޮޑަށް ދެކެވުނެވެ. ޓްރަމްޕްގެ އަތުގައި ރަތްވެފައި ހުންނަ ޒަހަމްތަކެއްވެސް މި ފަހުން ވަނީ ފާހަގަވެފައެވެ. ވައިޓް ހައުސް އިން ބުނިގޮތުގައި އެއީ ގިނައިން ސަލާން ކުރުމުން ދިމާވި ކަމެއް ކަމަށެވެ. ފަހުން ވަނީ މޭކަޕް ބޭނުންކޮށްގެން އެ ޒަޚަމްތައް ވަރަށް ބޮޑަށް ފޮރުވަން މަސައްކަތްކޮށްފައެވެ. ފިޒިކަލް ރިޕޯޓުގައިވާ ގޮތުން ޓްރަމްޕް ވަނީ ނާރުގެ ޓެސްޓުތަކެއްވެސް ހައްދަވާފައެވެ. އެ ޓެސްޓުތަކުން ނަފްސާނީ ހާލަތާއި، އިންޓެކްޓް ކްރެނިއަލް ނާރުތަކާއި، މޮޓޯ ސްޓްރެންތް، ސެންސޭޝަން، ރިފްލެކްސް ވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ. ޓްރަމްޕްގެ ސިއްޙަތާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުން އަންނައިރު، އުމުރުން ދުވަސްވެ ސިއްޙީ ހާލުކޮޅު ތަންނުދިނުމުގެ ސަބަބުން މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުން އެ ގައުމުގެ ކުރީގެ ރައީސް ޖޯ ބައިޑެންވެސް ވަނީ ވަކިވެވަޑައިގެންފައެވެ. ބައިޑެންގެ ސިއްޙީ ހާލުކޮޅާމެދު އޭރުވެސް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެފަހުން މިިދިޔަ އަހަރު މެއި މަހު ބައިޑެންއަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހި ކަށިތަކަށް ފެތުރިފައިވާކަން އެމަނިކުފާނުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ