އިންޓަޕޯލުން އިންތިޒާމު ކޮށްގެން ބޭއްވި 8 ވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެ ރާއްޖެ ތަމްސީލު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މެއި މަހުގެ 19 އިން 21 އަށް މޮރޮކޯގެ މަރަކޭޝްގައި ބޭއްވި މި ޕްރޮގްރާމަކީ އެކި ޤައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ސައިބަރ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްޤީ ކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުން ކުރުމާއި، ހެކި ބެލެހެއްޓުމާއި، ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރުމުގެ އުކުޅުތަކުގެ އިތުރުން، ޖިނާއީ ތަޙުޤީޤުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނީ އެހީތެރިކަން ހޯދާނެ ގޮތްތަކުގެ މައްޗަށް ކަމަށެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި އިންޓަޕޯލް ސައިބަރ ގޭމްސް ފަދަ ބައިނަލްއަޤުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ، ފުލުހުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ބޭރު ޤައުމުތަކުގެ ތަޖުރިބާކާރުންނާއެކު މައުލޫމާތު ބަދަލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަަށެވެ. އަދި މީގެ ސަބަބުން ފުލުހުންގެ ކިބައިގައި ސައިބަރ ކުށްތަކާއި، މަކަރާއި ހީލަތުގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އިންޓަޕޯލް ސައިބަރ ގޭމްސްގައި ދެ ފުލުހަކު ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ