މަޖިލީހުގެ ނައިބުރައީސްކަމަށް ވާދަނުކުރާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބުރައީސްކަމުގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބުރައީސްކަމަށް ވާދަކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ފަލާހު ވިދާޅުވީ އެ މަގާމަށް އޭނާ ވާދަކުރައްވާނެތޯ ސުވާލު އުފައްދަވައި ބައެއް ނޫސްތަކުން ރިޕޯޓު ކުރަމުން ދާތީ އެވެ.
"ނޫސްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން، އަޅުގަނޑު މަޖިލީހުގެ ރައީސްކަމަށް ވާދައެއް ނުކުރަން،" ފަލާހު ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް މިއަދު އިސްތިއުފާދެއްވުމުންނެވެ. 
އިސްތިއުފާ ދެއްވިކަން ނާޒިމް ހާމަކުރެއްވީ މިއަދު ހެނދުނު 09:00 ގައި ބޭއްވުމަށް އޮތް ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله އެވެ. ނާޒިމް އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ ނިމިފައި ވާކަމަށް އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ.
މަޖިލީހުގެ ނައިބުރައީސްއަކު ހޮވުމަށް ބާއްވާ ޖަލްސާ ތާވަލުކޮށްފައި ވަނީ މާދަމާއަށެވެ. ނަމަވެސް، އަދި ޖަލްސާ ބާއްވާނެ ވަގުތެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ޕީއެންސީގެ ފަރާތުން ގެންނަނީ ކޮން މެންބަރެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެ މަގާމަށް އަންނާނެ ކަމަށް ބެލެވެނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ސީނިއާ މެންބަރެކެވެ. 
ނާޒިމް ފިޔަވައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ޖުމުލަ 73 މެންބަރުންގެ ސޮޔާއެކު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދީ މެއި 14، ގަ އެވެ. އޭނާ ވަކިކުރަން ހުށަހެޅީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށެވެ. 
"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،" އެ މައްސަލާގައި ބުނެެފައިވެ އެވެ. 
އެ މައްސަލާގައި ޖަވާބުދާރީވުމަށް ނާޒިމަށް ދޭން ނިންމީ 10 މިނެޓެވެ. ނަމަވެސް، ޖަލްސާގައި ޖަވާބުދާރީވުމުގެ ބަދަލުގައި ނާޒިމް އިސްތިއުފާ ދެއްވީ އެ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ