ފީފާ ވާރލްޑް ކަޕް 2026: މެކްސިކޯ - ސައުތު އެފްރިކާ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް މިރޭ މުބާރާތް ބާއްވާ މެކްސިކޯ އާއި ސައުތު އެފްރިކާ ނިކުންނައިރު މި ދެ ޓީމަކީ މީގެ 16 އަހަރުގެ ކުރިން 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައިވެސް ވާދަކުރި ދެ ޓީމެވެ.
އެފްރިކާގައި ބޭއްވި ފުރަތަމަ ވޯލްޑްކަޕްގައި ކުޅުނު އެ މެޗުގައި ސައުތު އެފްރިކާގެ ސިފީވޭ ޝަބަލާލާ ޖެހި ހިތްގައިމު ލަނޑާއެކު އޭނާގެ ނަން ފުޓްބޯޅައިގެ ތާރީޚުން ވަނީ ޖާގަ ހޯދާފަ އެވެ. ނަމަވެސް އެ މެޗުގައި ސައުތު ކޮރެއާ ކޮޅަށް މެކްސިކޯ އިން ލަނޑު ޖެހި އޭރުގެ އެ ޓީމުގެ ކެޕްޓަން ރަފައެލް މާކޭޒް މިރޭ ހުންނާނީ މެކްސިކޯގެ ކޯޗު ހާވިއޭ އަގުއެރޭގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ބެންޗުގަ އެވެ.
މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ދެ ޓީމު ނިންނައިރު މި ސްޓޭޑިއަމަކީ ހުރިހާ ގޮތަކުން ވޯލްޑްކަޕާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ސްޓޭޑިއަމް އެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ޑިއެގޯ މެރެޑޯނާ އާއި ބްރެޒިލްގެ ޕެލާ ފަދަ ކުޅުންތެރިންގެ ވިދުން މުޅި ދުނިޔެއަށް ދައްކުވައިދިން ސްޓޭޑިއަމަކީ މިއީ އެވެ.
ފީފާ ވޯލްޑްކަޕް 2026 ގެ ފުރަތަމަ މެޗަށް މެކްސިކޯ އާއި ސައުތު އެފްރިކާ މިރޭ ނިކުންނައިރު މި ދެ ޓީމު ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެއީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފުރަތަމަ މެޗާއި ކޮންކާކަފް ގޯލްޑްކަޕް ގައި 2005 ވަނަ އަހަރާއި 2000 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެކެވެ.
މި ތިން މެޗުގެ ތެރެއިން ވޯލްޑްކަޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު, ގޯލްޑްކަޕްގައި މި ދެ ޓީމު ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނި ސައުތު އެފްރިކާ އެވެ. އަދި އެކުވެރިކަމުގެ މެޗުން 4-2 ގެ ނަތީޖާއަކުން މެކްސިކޯ ވަނީ މޮޅުވެފަ އެވެ.
މިރޭގެ މެޗަށް މި ދެ ޓީމު ނިކުންނައިރު, ދެ ޓީމަށް ވެސް ވަނީ ގިނަ ބަދަލުތަކެއް އައިސްފަ އެވެ. އަމިއްލަ ގައުމުގައި ތިންވަނަ ފަހަރަށް މެކްސިކޯ އިން ވޯލްޑްކަޕް ބާއްވާއިރު, މެކްސިކޯގެ ކޯޗަކަށް ހުރީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި މެކްސިކޯގެ ޓީމަށް ކުޅުނު ހަވިއޭ އަގުއެރޭ އެވެ.
މި ފަހަރުގެ ވޯލްޑްކަޕްގައި ރަގަޅު ނަތީޖާތަކެއް ހޯދުމަށް މެކްސިކޯ އިން މަސައްކަތް ކުރަމުންދާއިރު އެ ޓީމުން ވަނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން އެންމެ ފަހުން އެ ޓީމު ކުޅުނު އެކުވެރިކަމުގެ 5 މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ. މޮޅުވި ތިން މެޗުގެ ތެރޭގައި ސަރބިޔާ އާއި އޮސްޓްރޭލިއާގެ އިތުރުން ގާނާ އާއި ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ. ބެލްޖިއަމް އާއި ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗުތައް ވަނީ އެއްވަރުވެފަ އެވެ.
ސައުތު އެފްރިކާ އިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ޖެމެއިކާ އާއި ދެކޮޅަށް ކުޅުނު މެޗުން އެކަނި އެވެ. ނިކަރަގުއާ އާއި ޕެނަމާ އާއި ދެކޮޅަށް ކުޅުނު ދެ މެޗު އެއްވަރުވެފައިވާއިރު, އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކެމަރޫން އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ޕެނަމާ އާއި ދެކޮޅަށް ކުޅުނު އިތުރު މެޗަކުވެސް ސައުތު އެފްރިކާ ވަނީ ބަލިވެފަ އެވެ.
މި ފަހަރުގެ މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި މެކްސިކޯ މުބާރާތަށް ކޮލިފައިވެފައިވާއިރު ސައުތު އެފްރިކާ މުބާރާތަށް ކޮލިފައިވެފައިވަނީ ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލްގެ ކޮލިފައިން ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގައި މަޝްހޫރު ނައިޖީރިޔާ އާއި ބެނިން ވެސް ފަހަތަށް ޖައްސާލުމަށްފަހުގަ އެވެ.
މެކްސިކޯ އިން ވަނީ މީގެ ކުރިން 1970 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އަމިއްލަ ގައުމުގައި ބޭއްވި ދެ ފަހަރުވެސް މުބާރާތުގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. ނަމަވެސް އޭރާއި މިހާރު މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ