ސްކޭމްގެ މައްސަލަތައް ވަކި ގައުމުތަކަށް ނުހުއްޓުވޭނެ، އެކުގައި މަސައްކަތް ކުރަން ޖެހޭ: ޕީޖީ އައްބާސް
މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް ހިންގާ ސްކޭމްތަކާއި ފްރޯޑްތައް ހުއްޓުވުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ، ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަގުވާމީ ކޮމިޝަންގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ، ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުން އަންނައިރު، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް އިތުރުވަމުން އަންނަ ކަމަށެވެ. މި އަހަރުގެ ކޮންފަރެންސްގައި ޕީޖީ އައްބާސް [ކަނާތް ފަރާތުން ދެވަނައަށް] ބައިވެރިވަޑައިގަންނަވަނީ: ވިދާޅުވީ، ސްކޭމްގެ މައްސަލަތައް ވަކި ގައުމުތަކަށް ނުހުއްޓުވޭނެ، އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް --- ފޮޓޯ/ ޕީޖީ އޮފީސް މިގޮތުން، ރާއްޖޭގައި ވެސް އެފަދަ ކުށްތައް ހިންގާ މިންވަރު އިތުރުކަން ފާހަގަކުރައްވައި، ޕީޖީ ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އެކަނި ވެސް ސްކޭމް މައްސަލަތަކުގައި އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ގެއްލޭ ކަމަށް ލަފާކުރައްވާފައެވެ. ޕީޖީ އައްބާސް ފާހަގަކުރެއްވި ގޮތުގައި، ސްކޭމްތައް ހުއްޓުވުމަކީ ގައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއް ކަމުގައި ދެކިގެން ނުވާނެއެވެ. އެ ކަން ހުއްޓުވުމަށް މަސައްކަތްކުރެވޭނީ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސްއާއި ގުޅިގެން ތަޙުގީގުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްގެން ކަމަށް ޕީޖީ ގަބޫލުކުރައްވައެވެ. މީގެއިތުރުން، ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެން ތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ގައުމުގައި ހުރީ އެކި މިންވަރަށްކަން ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، އެއް ގައުމުގައި ހުންނަ ވަސީލަތް އަނެއް ގައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ޕީޖީގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް އައްބާސް ވިދާޅުވިއެވެ. މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވާ ބައެއް ބޭފުޅުންނާ އެކު ޕީޖީ އައްބާސް [ވ ދެވަނައަށް] --- ފޮޓޯ/ޕީޖީ އޮފީސް ޕީޖީ ވަނީ، ރާއްޖެ މިއޮތީ މި ދާއިރާއިން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި އެހެން ގައުމުތަކުން ހިންގާ މިބާވަތުގެ ތަޙުގީގުތަކަށް ރާއްޖެއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމާއި އެހީތެރިކަންދޭނެ ކަމަށް ވިދާޅުވެފައެވެ. ޕީޖީ އޮފީހުން ބުނީ، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖޭގެ ފަރާތުން ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވާނެ ކަމަށެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި ޕީޖީ ވަނީ، ގައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިސްވެރިންނާ ބައްދަލުކުރައްވައި، އެހީތެރިކަން ބަދަލުކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. https://sun.mv/222745 މި އަހަރުގެ ކޮންފަރެންސްގައި ޕީޖީ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ، ޕީޖީގެ އިތުރަށް ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ މުޙައްމަދު ޢަބްދުﷲއާއި އަޝްފާގު ނަޢީމާއި އަޙްމަދު އައިމަން ޢަލީއެވެ. ޕީޖީ އެ ފަދައިން ވިދާޅުވިއިރު، ސްކޭމްގެ މައްސަލަތައް ހުއްޓުމަށް ފުލުހުން މިދިޔަ އަހަރު ވަނީ އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ޚާއްސަ ޔުނިޓެއް ގާއިމުކޮށްފައެވެ. އެ ފުލުހުން އަންނަނީ، ކޮންމެ ހަފުތާއަކު ސްކޭމްގެ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ