ދަ ޑިމޮކްރެޓްސް ޕާޓީ އުވާލައިފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރު އެމްޑީޕީ ދޫކޮށްލެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އުވާލައިފި އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތް ފަހުން، ކުރީގެ ރައީސް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ޕާޓީ ތެރޭގައި ތިބެގެން މަސައްކަތްކުރަން ފެށުމުން، އެ ފެކްޝަނުގައި ތިއްބެވި މަޖިލިސް މެންބަރުން ޕާޓީން ވަކިކުރަން އުޅެން ފެށުމުން، ޑިމޮކްރެޓްސް އުފެއްދީ 11 ޖުލައި 2023ގަ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް އެއްވެސް އެދެވޭ ކާމިޔާބީއެއް ނުލިބި އޮއްވާ، ނަޝީދު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. ނަޝީދުގެ ފަހުން، ޑިމޮކްރެޓްސްގައި ތިބި އެ މަނިކުފާނުގެ ވަފާތެރި ސަޕޯޓަރުން ވެސް އަނބުރާ އެމްޑީޕީއާ ގުޅުނެވެ.
ތަފްސީލް - އީސީން މިއަދު ބުނީ ޑިމޮކްރެޓްސް އުވާލަން ނިންމީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ޕާޓީއެއްގައި ހުރުމަށް ޝަރުތުކޮށްފައިވާ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ގާނޫނުގައިވާ ގޮތަށް ދިން މުއްދަތުގައި ހަމަނުކުރެވުމުން ކަމަށެވެ. 
ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އެ ޕާޓީ މިހާރު ވަނީ އުނިކޮށްފަ އެވެ.
ފާހަގަކޮށްލެވޭ - ނަޝީދުގެ އިތުރުން ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ތިބި ހުރިހާ ބޭފުޅުންހެން އެމްޑީޕީއާ ގުޅުނު ފަހުން ވެސް ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވަރަށް މަދު ގޮނޑިތަކަކަށް ޑިމޮކްރެޓްސްގެ ޓިކެޓްގައި ކެންޑިޑޭޓުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އެއް ގޮނޑި އެ ޕާޓީއަށް ލިބިގެން ވެސް ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ