ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސައިފިއެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނެވި މެންބަރެވެ. އޭގެ ފަހުން ރައީސްގެ ފަރާތްޕުޅުން އެ ކޮމިޝަންގައި ހުންނަވާ މެންބަރުގެ ގޮތުގައި އަލީ ނަސީރު ގާސިމް ވަނީ އައްޔަންކުރައްވައިފައެވެ. https://sun.mv/222168 ޖޭއެސްސީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ، އެ ކޮމިޝަނުން ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ފަނޑިޔާރު ޝަހީދު އައްޔަންކޮށްފައިވާކަން ފާހަގަކޮށް މަރުހަބާ ކިޔައިފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ 19ވަނަ ދުވަހެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ފެބްރުއަރީ މަހުގެ 26އިން ފެށިގެން ސަސްޕެންޝަންގައި ހުންނަވަނިކޮށް މާޗް މަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ. ފަނޑިޔާރު ޝަހީދަކީ، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޖޭއެސްސީއަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހެވެ. ޖޭއެސްސީއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުންނަށް ކުރިއެރުން ދިނުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ އިތުރުން، ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅޭގޮތުން ލަފާދިނުމުގެ ގާނޫނީ ބާރު ލިބިދީފައިވާ މުހިންމު މުއައްސަސާއެކެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، ފަނޑިޔާރުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަކީވެސް އެ ކޮމިޝަނުގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. https://sun.mv/220695 އެ ކޮމިޝަނުގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރެވޭ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ބަންޑާރަނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރެވޭ ވަކީލަކު ހިމެނިވަޑައިގަންނަވައެވެ. ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް ބުނެ އެ ކަން ބަދަލު ކުރުމަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރާއި މި ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ