މުއިއްޒުގެ މަގުބޫލުކަން ދަށްވާން ފެށުމުން ވަޒީފާގެ ބިރު ބޮޑުވަނީ

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި "ވަޒީފާގެ ބިރުވެރިކަން ނައްތާލާނެ" ކަމަށް ވިދާޅުވެ، ރީތި ބަސްތަކުން ރައްޔިތުންގެ ހިތްތައް އަތުލި ނަމަވެސް، ރައީސް މުހައްމަދު މުއިއްޒުގެ މަގުބޫލުކަން ދަށްވެ، އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަވާން ފެށުމާއެކު މިހާރު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. މުވައްޒަފުން ސަސްޕެންޑުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ބަދަލުހިފުމުގެ ރޫހެއްގައި ދުރު ރަށްރަށަށް ވަޒީފާ ބަދަލުކުރުމުގެ ބިރުވެރި ސަގާފަތެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި މުއިއްޒު އެންމެ ބާރަށް ދެއްކެވި އެއް ވާހަކަފުޅަކީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ދިވެހި ރައްޔިތަކަށް ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ ކަމުގެ ވާހަކަ އެވެ. ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށާއި، ބަހާއި އަމަލު ދިމާވާނެ ކަމުގެ ޔަގީންކަން އޭރު ދެއްވި އެވެ.
ށ. ފުނަދޫގައި ބޭއްވި ޖަލްސާއެއްގައި، ވަޒީފާގެ ބިރެއް ނެތި ސިޔާސީ ހަރަކާތުގައި ބައިވެރިވި ޒުވާނަކަށް ތައުރީފު ކުރައްވައި، "ވަޒީފާގެ ބިރެއް ނޯންނާނޭ" ކަމަށް ސީދާ ވިދާޅުވި އެވެ. ށ. ގޮއިދޫގަ އާއި ބ. ދަރަވަންދޫގައި ވާހަކަ ދައްކަވަމުން ވެސް، އޭރުގެ ސަރުކާރުން ކަނޑާލާ ކޮންމެ މުވައްޒަފަކަށް ވަޒީފާއެއް ދެއްވާނެ ކަމަށާއި، އެއްވެސް މީހަކަށް ދެރަ ގޮތެއް ވިޔަނުދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި، ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ މުވައްޒަފުންނާ މެދު "ފިޔަވަޅު އަޅަންޖެހޭ" ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަތަކެއްގެ ވީޑިއޯއެއް އާންމުވުމުން، މުއިއްޒު ވިދާޅުވީ "އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން" ކަމަށެވެ.
ނަމަވެސް، ސަރުކާރުގެ މަގާބޫލުކަން ކުޑަވެ، އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަވާން ފެށުމުން، ރިޔާސީ އިންތިހާބުގައި ތާއީދު ހޯއްދެވުމަށް ދެއްވި ޔަގީންކަމާއި ބަހާއި އަމަލު ދިމާވާނެ ކަމަށް ވިދާޅުވެ ދެއްވި އުއްމީދުތައް މަތިން މިއަދު އެ މަނިކުފާނު ހަނދާން ނައްތާލައިފި އެވެ.
ގާނޫނަކަށް، ގަވާއިދަކަށް، ނުވަތަ އުސޫލަކަށް ބެލުމެއް ނެތި ސަރުކާރުގެ ބައެއް ކުންފުނިތަކުން މީހުން ސަސްޕެންޑުކުރުމާއި، ވަކިކުރުމާއި، ދުރު ރަށްތަކަށް ބަދަލުކުރުމުގެ ބިރުވެރި ސަގާފަތް އަލުން އިޔާދަކޮށްފި ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފަ އެވެ. 
އެމްޑީޕީގެ ޗެއާޕަސަން އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގއ. އަތޮޅަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ކިޔަން ނުކުތް ވިލިނގިލީގެ ތިން މުވައްޒަފަކާއި މާމެންދޫގެ ހަތަރު މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. މީގެ ތެރޭގައި ރައީސް ނަޝީދަށް މާމެންދޫން ލަވައެއް ކިޔައިދިން އަންހެން މީހާގެ ފިރިމީހާ ވެސް ހިމެނެ އެވެ.
ރައީސް ނަޝީދަށް މާމެންދޫއިން މަރުހަބާ ކިޔުމަށް ލަވަކިޔައިދިން އަންހެނެއްގެ ފިރިމީހާ މިފްކޯގެ ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ. މިއާއެކު ސިޔާސީ ސަބަބުތަކަށްޓަކައި މި ހަފުތާގައި ވަޒީފާތަކުން ވަކިކުރި ނުވަތަ ސަސްޕެންޑުކުރި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. ސަރުކާރުން ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސިޔާސީ ފިކުރު ތަފާތުވުމުން މުވައްޒަފުންނަށް ދުއްތުރާ ކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ހުރި ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ. ބާރަށަށް ބަދަލުކޮށްފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ތިނަދޫ ސިޓީގެ ރައީސް އަހުމަދު ގައިސް ވިދާޅުވީ، ތިނަދޫން އެމްޑީޕީގެ ކެމްޕޭނުގައި ބައިވެރިވި އެމްޓީސީސީގެ މުވައްޒަފަކާއި ވެމްކޯގެ ތިން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީން ވަކިކުރި މުވައްޒަފަކަށް ފޮނުވި އީމެއިލްގައި ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި އޮތީ ޕްރޮޖެކްޓް ހުއްޓިފައި ވުމެވެ. ނަމަވެސް އެއީ އެމްޑީޕީގެ ސަރުކާރުގައި އެރަށުގައި ފެށި އިންޑަސްޓްރިއަލް އޭރިއާގެ މަޝްރޫއު ކަމަށާއި، އެތަނުން ހަމައެކަނި ކަނޑާލީ ރައީސް ނަޝީދަށް ތާއީދުކުރި މުވައްޒަފު އެކަނި ކަމަށް ގައިސް ވިދާޅުވި އެވެ.
"[އެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ބުނެ] ފެނުނީ ރައީސް ނަޝީދަށް ތާއިދުކޮށް ސަފަށް އެރި ކުއްޖާ އެކަނި ކަނޑާލަން،" ގައިސް ވިދާޅުވި އެވެ. 
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދު ނައިފަރަށް ވަޑައިގަތުމުން ސަލާމްކުރުމަށް ސަފަށް އެރި އެމްޓީސީސީގެ މުވައްޒަފަކު ވަކިކޮށް، ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ދާއިރާގެ އެމްޑީޕީ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އޭނާގެ ކެމްޕޭނުގައި ބައިވެރިވި އާއިލާގެ މީހުންނާއި ރައްޓެހިން ހިމެނޭހެން 10 މީހަކު ސަރުކާރުގެ އެކި ކުންފުނިތަކުން ވަކިކޮށްފައިވާ ކަމަށެވެ.
ކުންފުނިތަކުން ވަޒީފާއިން ވަކިކުރީ ހަރަދު ކުޑަކުރަން ކަމަށް ބުންޏަސް، ވަޒީފާއަށް ހާޒިރު ނުވެ މުސާރަ ލިބޭ މީހުން އަދިވެސް އެބަތިބި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ސޯދިގުއާއެކު ފޮޓޯއެއް ނެންގެވުމުން، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު އެ ވަޒީފާއިން ވަކިކުރުމަށްޓަކައި ކުރި ކަމަކީ މަގާމު އުވާލުމެވެ. 
ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ޑިރެކްޓަރު އަހުމަދު ޒުހައިރު، އެމްޑީޕީގެ ކެންޑިޑޭޓަކާއެކު ފޮޓޯއެއް ނެންގެވި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރުމަށްޓަކައި ސަރުކާރުން އެ މަގާމު އުވާލައިފިއެވެ. އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޒުހައިރު ވަކިކުރަން ބަހަނާއެއް ނެތުމުން މަގާމު އުވާލީ، އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ ސޯބެއާއެކު ކެމްޕޭން އިވެންޓެއްގައި ފޮޓޯ ނެންގެވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މި ދަރަޖައަށް ކަންކަން ދިއުމުން، މިއީ ހަމައެކަނި ގާނޫނީ ނިޒާމުގެ ތެރެއިން ހައްލުވާނެ ކަމެއް ނޫން ކަމަށް ސޯދިގު ގަބޫލުކުރައްވަ އެވެ. އެހެންކަމުން، މިކަންކަން ހަމައަކަށް އެޅުވުމަށްޓަކައި އެމްޑީޕީން މުޅި ރާއްޖޭގައި ބާއްވާ އިހުތިޖާޖުތަކުގައި ރައްޔިތުން ބައިވެރިވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ބުރާސްފަތި ދުވަހު އިހުތިތިޖާޖުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރީ މުއިއްޒުގެ ސަރުކާރުން ގަވާއިދަކަށް ގާނޫނަކަށް ބެލުމެއް ނެތި ކުރަމުންދާ ކަންކަން ހުއްޓުވުމަށް ބާރުއެޅުމަށެވެ.
ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، ސަރުކާރެއް ގޮތްހުސްވެ ބަލިވާން ފެށުމުން ދެން އަމަލުކުރާނީ މިފަދަ ގޮތަކަށެވެ. ރައްޔިތުންގެ އަނގަމަތީގައި މަލަން އެޅުމާއި، ރައްޔިތުން ހިފާ ހައްޔަރު ކުރުމާއި، ރައްޔިތުންނަށް ބިރުދެއްކުމުގެ ގޮތުން ވަޒީފާއިން ވަކިކުރުމަކީ ބަލިވުމުގެ ނިޝާނެކެވެ.
"އެފަދަ ކަންކަމުގައި އެމްޑީޕީ ބޯނުލަނބާނެ،" ޝާހިދު ސަރުކާރަށް އިންޒާރު ދެއްވަމުން ވިދާޅުވި އެވެ.
ހުވަދު އަތޮޅުގެ ރަށްތަކުން މުވައްޒަފުން ވަކިކޮށްފައިވާތީ  "މުޅި ހުވަދޫ އެއްކޮށް ނުކުމެ މަގުބޫލްކަން ގެއްލިފައިވާ ރައީސް، ވަހުޝީ ސަރުކާރު ބަދަލުކުރަން ނުކުންނަންޖެހޭ،" ގައިސް ގޮވާލެއްވި އެވެ. 
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މުވައްޒަފަކަށް ލިބިގެންވާ ހައްގެއް ކަމަށް މުއިއްޒު ކުރިން ގަބޫލު ކުރެއްވި އެވެ. ނަމަވެސް، މިއަދު ފެންނަނީ ސިޔާސީ ބޭނުމަށް ފިޔަވަޅު އަޅަމުންދާ މަންޒަރެވެ. ކޮންމެ ސަރުކާރެއް އޮތަސް، މިފަދަ ބިރު ދެއްކުންތައް ނިމުމަކަށް ގެންނަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ