މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދޭން: މުއިއްޒު

މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި މުއިއްޒު ފޮނުއްވި ހިތާބުގައި ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓަން ކަމަށެވެ. 
"މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް. އެ ޔަޤީންކަން މި މުނާސަބަތުގައިވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" މުއިއްޒު ވިދާޅުވި އެވެ. 
ސިޔާސީ ގޮތުންނާއި، އިޖުތިމާއީގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކުރަންޖެހޭކަން ފާހަަގަކުރައްވާ މުއިއްޒު ވިދާޅުވީ ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، ހިޖުރީ އައު އަހަރު ފެށުމުގެ މި މުނާސަބަތުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަހގްލާގުގެ މަތީގައި ބޮޑުވާ، ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރަން ކަމަށެވެ. 
"މި ފެށުނު އާ އަހަރަކީ، އަޅުގަނޑުމެންގެ އިގްތިސާދު އާރާސްތުކޮށް، އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް. މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެން،" މުއިއްޒު ވިދާޅުވި އެވެ. 
މީގެއިތުރުން މިއަދު އެންމެން  އަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ