ބޮސްޓަން (ޖޫން 16) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް 28 އަހަރަށް ފަހު ނޯވޭ އެނބުރި އައިއިރު، އެ ޓީމުގެ މައިގަނޑު އުންމީދުތައް ހުރީ ފޯވާޑް އާލިން ހާލަންޑް ވެސް އެދޭ ގޮތަށް ބޮޑު ކުރިއެރުންތަކެއް ހޯދުމަށް ކަމަށް ނޯވޭގެ ކޯޗު ސްޓޭލް ސޯލްބަކަން ބުނެފި އެވެ.
ނޯވޭ އިން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ، 1998 ވަނަ އަހަރު ފްރާންސްގައި ކުރިއަށްދިޔަ މުބާރާތުގަ އެވެ. އެ ފަހަރު، ބްރެޒިލާއި ސްކޮޓްލެންޑް އަދި މޮރޮކޯ ހިމެނުނު ގްރޫޕެއްގައި ވާދަކޮށް ނޯވޭ އިން ގްރޫޕްގެ ދެ ވަނަ ހޯދައި، ގަދަ 16 ބުރަށް ދަތުރުކުރި އެވެ. އެ ފަހަރު އެ ޓީމު ކެޓީ 1-0 އިން އިޓަލީ އަތުން ބަލިވުމުންނެވެ. ނޯވޭ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިން ގްރޫޕްގައި ދެ ފަަހަރެއްގެ މަތިން އިޓަލީ ބަލިކޮށް ފުރިހަމަ ރެކޯޑަކާ އެކު އެވެ.
އިރާގާ ދެކޮޅަށް ކުޅޭ މެޗުން މި ފަހަރުގެ ވޯލްޑް ކަޕް ފަށަން ތައްޔާރުވަމުން އަންނަ ނޯވޭގެ ކޯޗު ސޯލްބަކަން ބުނީ، ނޯވޭ އިން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ވަރަށް ސާފު މަންޒަރުތައް ސިކުނޑީގައި އެބަހުރި ކަމަށެވެ. އަދި، އެ ޓީމުން ބަރޯސާވާނެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ނަމަކީ، ދުނިޔޭގެ ފުޓްބޯޅައިގައި ހުރި އެންމެ ހުނަރުވެރި އެއް ސްޓްރައިކަރު، ހާލަންޑް އެވެ.
ހާލަންޑް ވަނީ މީގެ ކުރިން 2019 ވަނަ އަހަރު، 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ނުވަ ލަނޑު ޖަހައިފަ އެވެ. މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ހާލަންޑް، ވޯލްޑް ކަޕެއްގައި ފުރަަތަމަ ފަހަރު ކުޅެން ތައްޔާރުވާއިރު، އޭނާއާ މެދު އިދިކޮޅަށް ނުކުންނަަ ކޮންމެ ޓީމަކުން ސަމާލުވާނެ އެވެ.
"ހާލަންޑްގެ ވަރަށް ބޮޑު ދައުރެއް މި ފަހަރު ޓީމުގައި ވެސް އޮންނާނެ. އެއީ، އަހަރެމެންގެ ލަނޑު ޖަހާ ކުޅުންތެރިޔާ. އަހަރެންގެ ނަޒަރުގައި ދުނިޔެއިން ވެސް އެއް ވަނަ. ފިޒިކަލީ އޭނަ ހުރީ ފިޓްކޮށް. ދެން، ވަރަށް ރަނގަޅަށް ދިޔަ ކަމެއް އޭނާ އަށް ލުއިތަކެއް ލިބިގެންދިޔަ ސީޒަންގެ ފަހުކޮޅުގައި،" މިދިޔަ ސީޒަނުގައި ވެސް އިނގިރޭސި ލީގުގެ ރަން ބޫޓު ހޯދި ހާލަންޑާ ބެހޭގޮތުން، ސޯލްބަކަން ބުންޏެވެ.
ނޯވޭ ގައުމީ ޓީމަށް 50 މެޗުން 55 ލަނޑު ޖަހާފައިވާ ހާލަންޑަކީ ޓީމުގެ ކޮންމެ ޓްރެއިނިން އެއްގައި ވެސް ތަފާތު ދައްކާ ކުޅުންތެރިއެއް ކަމަށާއި އޭނާގެ މަސައްކަތުގެ ރޭޓަކީ، ޓީމުގައި ތިބި އެހެން ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށް ސޯލްބަކަން ވަނީ ފާހަގަކޮށްފަ އެވެ.
ނޯވޭ ހިމެނޭ ގްރޫޕްގައި ދެން ކުޅޭ މެޗަކީ، ސެނެގާލް އާއި ފްރާންސްގެ ކުރިމަތިލުމެވެ. މި ގްރޫޕްގެ ދެ މެޗު ވެސް އޮތީ މިރެ އެެވެ.
28 އަހަރަށް ފަހު ނޯވޭ ވޯލްޑް ކަޕަށް އެނބުރި އައިއިރު ތަރި އަކީ ހާލަންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ