ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ މިސްކިތެއް ބިނާކޮށްދިނުމަށް ރައްޔިތުން ދިޔައީ އެދެމުން: ޝަހީމް

”މަސްޖިދުއްޒިކުރާ“ މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
މިކަމަށް ހާއްސަކޮށް މިރޭ ބޭއްވި ރަސްމިއްޔާތުިގައި، މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ 1500 މީހުންގެ ޖާގައިގެ ތިން ފަންގިފިލާގެ މިސްކިތެކެވެ. އިސްލާމިކް މިނިސްޓަރީން މައުލޫމާތު ދިން ގޮތުގައި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ.
މި މިސްކިތް ވެގެންދާނީ މާލެ ސަރަޙައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށެވެ.
މިސްކިތުގެ އަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، މަސްޖިދުއް ޒިކުރާގެ އާ އިމާރާތުގެ ބިންގާ އެޅިގެން މިދިޔައީ މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު ކަމަށެވެ.
މި މަސައްކަތުގެ އެހީ ދެއްވާ ސިސިލްފަރު މުހައްމަދު ފުޅާއި އޭނާގެ އާއިލާއަށް މިނިސްޓަރު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައިރު މުހައްމަދު ފުޅު ހުންނެވީ އުމްރާގެ އަޅުކަމަށް މައްކާގައެވެ. ނަމަވެސް، އޭނާގެ ވަސިއްޔަތަކީ ކޮންމެހެން ވެސް ރަމަޟާން މަހުގެ 27 ވިލޭރޭ މި މަސައްކަތުގެ ބިންގާ އެޅުން ކަމަށްވާތީ، އާއިލާގެ އެއްބާރުލުމާއެކު މަސައްކަތް ފެށީކަމަށް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލޭގައި ހުރި ބާވެފައިވާ މިސްކިތްތައް މުޅިން އާކޮށް، މާލެ ސިޓީއަކީ ޒަމާނީ މިސްކިތްތައް ބިނާވެފައިވާ ސިޓީއަކަށް ހެދުން ކަމަށެވެ. މަސްޖިދުއް ޒިކުރާ މިހާރު ހުރި ގޮތަށް ވަގުތީ މިސްކިތެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވެފައިވާއިރު، މާލޭގެ މެދުގައި އެފަދަ ތަނެއް ހުރުމަކީ މިހާރަކަށް އެކަށީގެންވާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރަޙައްދުގެ ރައްޔިތުންވެސް އެތަނުގައި ޒަމާނީ މިސްކިތެއް ބިނާކޮށްދިނުމަށް އެދެމުންދާތާ ދުވަސްތަކެއް ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އުންމީދަކީ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިމި، ރައްޔިތުންނަށް ނަމާދުކުރަން ހުޅުވާލެވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މުޙައްމަދު ފުޅުގެ އާއިލާގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާތީ، އެކަމުން މި މަސައްކަތަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވާކަން ފާހަގަކުރައްވައި، މިނިސްޓްރީގެ ނަމުގައި އެ ފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ