ސުލްހަވެވޭތާ 30 ދުވަސްތެރޭ ހުރުމުޒް ކަނޑުއޮޅި ހުޅުވާލަނީ

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ އެއްބަސްވުމަކަށް އަންނަތާ 30 ދުވަހުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ރޭވުމަކާ ބެހޭގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި މަސައްކަތް މުޅިން ނިމުމުން ހުރިހާ ގައުމެއްގެ އުޅަނދުފަހަރަށްވެސް އެއްވެސް ހުރަހެއްނެތި، ރައްކާތެރިކަމާއެކު އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން އީރާނުން ނަގަމުންދާ ޓްރާންސިޓް ފީ ނުވަތަ ނެވިގޭޝަނަލް ސާވިސް ފީ ނެގުންވެސް އެ ހިސާބުން ހުއްޓާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އުންމީދީ ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ބޮޑު ބަދަލެއް އައިސް، ތެލުގެ އަގު ހަ އިންސައްތައަށް ވުރެ ދަށަށް ގޮސްފައިވެއެވެ.
މިދިޔަ އެޕްރީލް މަހުގެ ކުރީކޮޅު ދެ ފަރާތުގެ ދެމެދުގައި ގާއިމުކުރެވުނު ވަގުތީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރު 60 ދުވަހަށް ދަންމާލުމަށްވެސް މި ރޭވުމުގެ ދަށުން ޚިޔާލު ބަދަލުކުރެވެމުންދެއެވެ.
މި ލިބޭ ދެ މަސްދުވަހުގެ މެދުކެނޑުމުގެ ތެރޭގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުންނާއި، އެ ގައުމުގެ ޔުރޭނިއަމް ރިޒާވް ނައްތާލާނެ ގޮތަކާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ހުރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އެންމެ މުހިންމު އަދި އެންމެ ނާޒުކު އެއް ސަރަހައްދެވެ. މެދުއިރުމަތީގެ ތެޔޮ އުފައްދާ މައިގަނޑު ގައުމުތަކުން ދުނިޔޭގެ އެކި ކޮޅުތަކަށް ފޮނުވާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ އޮމާނާއި އީރާނާ ދެމެދު އޮންނަ މި ހަނި ކަނޑުއޮޅިންނެވެ.
ފާއިތުވި އަހަރުތަކުގައި އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަމުގެ ތެރޭގައި، ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ ބިރުވެރިކަން އެތައް ފަހަރަކު ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ