"އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން މިވަގުތު ތިބީ ޢަރަފާތުގައި"

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ޙާޖީން މިވަގުތު ތިބީ ޢަރަފާތު ބިމަށް ގޮސްފިއެވެ.
އަރަފާތަށް އައުމަށް ޙައްޖުވެރިން މިނާއިން ދަތުރުފެށީ ރާއްޖެގަޑިން ރޭ 11:00ގައެވެ. ދިވެހިން އަރަފާތަށް ގެނައުމަށް 22 ބަސް ވަނީ ބޭނުންކުރިއެވެ. އެންމެ ފަހު ބަހުގެ ޙާޖީންނަށް އަރަފާތަށް އާދެވިފައިވަނީ ރާއްޖެ ގަޑިން ފަތިހު 05:00 ހާއިރުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވީ އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން ވެސް މިވަގުތު ވަނީ ޢަރަފާތަށް ވަދެފައިކަމަށެވެ. އެ ހާޖީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދާކަމަށާއި، ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނާއެކު އެޙާޖީވެސް އަރަފާތަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޙާޖީންނަށް އަރަފާތުގައި އެންމެހާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަރާފާތަށް އަންނަންބާއިރަށް ތިބުމާއި ކެއިންބުއިމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ފާހަގަކޮށްލަމެވެ. ހުރިހާ ހާޖީންގެ ޙާލުވެސް ޖުމްލަކޮށް ރަނގަޅެވެ.
އަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މާތް ދުވަހެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ހާޖީން މަޑުކުރާނީ އަރަފާތުގެ މަޝާއިރުގައި ޙައްޖުގެ މަނާސިކުތަކުގައި މަޝްޢޫލުވެގެންނެވެ. ޙައްޖު މަހުގެ 9ވަނަ ދުވަހަށް އިރުއެރުމާ ހަމައިން ފެށިގެން އަރަފާތު ދުވަސް ފެށުނީއެވެ. އަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފަށައިގެން އިރުއޮއްސިއްޖެއުމަށްދާންދެންނެވެ.
ޙައްޖުވެރިންނަށް ދޭ ދިވެހި ޚުތުބާ އަރަފާތުގައި މިއަދު ދެއްވާނީ، މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމުގައި އިސް ޝެއިޚުގެ ގޮތުގައި މަސައްކަތްކުރައްވަމުންދާ، ޝެއިޙް އިލްޔާސް ޙުސައިންއެވެ.
ޙައްޖުވެރިން އަރާފާތުގައި މަޑުކުރުމަށްފަހު، މުސްދަލިފާއަށް ދާން ދަތުރުފަށާނީ މިރޭ އިރުއޮއްސުމުންނެވެ. އަދި މާދަމާ މިނާއަށްގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކާ ދެން ހިމެނޭ ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލު (އިހުރާމު ކެނޑޭނެ)އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ