އިޓަލީ ފަތުރުވެރިން ގެއްލުން: ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން އަތުވެއްޖެ

ވ. އަތޮޅު ކައިރިއަށް ޑައިވްކުރުމަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތްކުރުމަށް، ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ރާއްޖެ އަތުވެއްޖެއެވެ. އެ ޑައިވަރުން ރާއްޖެ އައި ކަން، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ. މުންދު އިއްޔެ ވިދާޅުވީ، ފިންލޭންޑުގެ ފީނުމުގެ ތިން ޓެކްނިކަލް ތަޖުރިބާކާރުން މިއަދު ރާއްޖެ އަންނަނީ އިޓަލީވިލާތުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމަކަށް ކަމަށެވެ. https://sun.mv/222077 އިޓަލީވިލާތުގެ ސަރުކާރާ މަޝްވަރާކުރަމުން ދިޔައިރު، އިނގިރޭސިވިލާތުގެ ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރުގެ އިތުރުން، އެމެރިކާ ސަރުކާރުން ވެސް އެހީތެރިކަން ދޭން ހުށަހަޅައިފައިވާ ކަމަށް، މުންދު ވިދާޅުވިއެވެ. މިއަދު ރާއްޖެ އައި ޓީމަކީ، އޭނާ އިއްޔެ ވިދާޅުވިގޮތުގައި، އިނގިރޭސިވިލާތުގެ ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ އިޓަލީވިލާތުގެ ސަރުކާރުން މަޝްވަރާކޮށް އެކުލަވައިލި ޓީމެކެވެ. އެ ޓީމުގައި ކޭވް ޑައިވިން ސްޕެޝަލިސްޓެއް ވެސް ހިމެނޭ ކަމަށް މުންދު ވިދާޅުވެފައިވެއެވެ. ވ. އަތޮޅު ކައިރިއަށް ޑައިވްކުރުމަށް ގޮސް އުޅެނިކޮށް، އިޓަލީވިލާތަށް ނިސްބަތްވާ ފަސް ފަތުރުވެރިއަކު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ތެރެއިން އެކަކު ފެނުނީ މަރުވެފައި އޮއްވައެވެ. ދެން ތިބި ފަތުރުވެރިން ހޯދުމުގެ މަސައްކަތް އިއްޔެގެ ނިޔަލަށް ކުރިއަށް ގެންގޮސް، ވަނީ ވަގުތީގޮތުން މަޑުޖައްސައިލައިފައެވެ. އެ މަސައްކަތް މަޑުޖައްސައިލައިފައިވަނީ، އެމްއެންޑީއެފްގެ އޮޕަރޭޝަންގެ ތެރެއިން ޑައިވަރަކު ނިޔާވުމާ ގުޅިގެންނެވެ. އިއްޔެ ނިޔާވީ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއެވެ. https://sun.mv/222091 މަހުދީ ނިޔާވުމާ ގުޅިގެން، މީސްމީޑިއާގައި އެކި މީހުން އަންނަނީ މަހުދީގެ މަރުގައި އިހުމާލުތަކެއް ހުރި ކަމަށް ބުނެ، ޚާއްސަ ތަހުގީގެއް ހިންގުމަށް ގޮވައިލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ