ޢާޒިމް ރައީސަށް: ހުޅުމާލެ ހިމެނޭހެން، މާލޭގެ އިހުތިސާސް ކައުންސިލަށް ބަދަލުކޮށްދީ
ހުޅުމާލެ ހިމެނޭހެން މުޅި މާލޭ ސަރަހައްދުގެ އިހުތިސާސް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށްދިނުމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރަށް މިއަދު ގޮވައިލައްވައިފިއެވެ. މިއަދު ހެނދުނު، އައު ދައުރުގެ ކައުންސިލަރުން ވަނީ ހުވާކުރައްވައިފައެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ދައުރުގައި ތިއްބެވި މާލޭގެ ކައުންސިލަރުންގެ ތެރެއިން އިތުރު ދައުރަކަށް ހޮވިވަޑައިގެންނެވީ ޢާޒިމް އެކަންޏެވެ. މާފަންނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢާޒިމް ވިދާޅުވީ، މާލޭ ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުމަކީ ހުޅުމާލެވެސް ހިމެނޭހެން މުޅި މާލޭގެ އިހުތިސާސް ކައުންސިލަށް ދިނުން ކަމަށެވެ. "ގާނޫނީގޮތުން ކުރަން ސަރުކާރަށް ލާޒިމްކުރާ އެކަން ފުރިހަމަކޮށްދިނުމަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުން ވަރަށް ބޮޑަށް އެދޭ އެދުމެއް،" ޢާޒިމް ވިދާޅުވިއެވެ. އަދި މާލޭގެ ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަން ފާހަގަކުރައްވައި، ސަރުކާރުގެ ކިބައިން އޭނާ އެދިވަޑައިގަތީ މާލެއާ ގުޅިފައިވާ ސަރަހައްދުތައް ހިއްކައި، އަވަސްކޮށް، އެ މައްސަލަ ހައްލުކުރުމަށެވެ. "އެގޮތުގެ މަތިން، ގްރޭޓާ މާލެ ސަރަހައްދުގެ ގިރާވަރުފަޅާއި ގުޅީފަޅާއި އުތުރުތިލަފަޅު، އާދެ، ބްރިޖުން ގުޅައިލެވޭ ސަރަހައްދުތައް ހިއްކުން އަވަސްކޮށްދެއްވައި، އަދި ފުލެޓުގެ މަސައްކަތްތައް އަވަސްކޮށްދެއްވައި، މާލެއަށް ދިމާވެފައިވާ މި އޮތް ބޮޑު ދިރިއުޅުމުގެ ދަތިކަން ހައްލުކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒެއް،" ޢާޒިމް ވިދާޅުވިއެވެ. ޢާޒިމް މިފަދައިން ވިދާޅުވިއިރު، ފާހަގަކުރެވޭ ގޮތުގައި، ރަށްވެހިކަމުގެ ޚިދުމަތްތައް ނުވަތަ މާލޭގެ އެންމެހައި މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް، ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި، ކައުންސިލާއި، ފިނޭންސް މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ޖަނަވަރީ ހަތަރެއް، 2024ގައެވެ. އެ އެމްއޯޔޫގެ ދަށުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫގެ ތެރެއިން އެޗްޑީސީން ހުޅުމާލޭގައި ދެމުންދާ ރަށްވެހިކަމުގެ ޚިދުމަތްތައް، ސޮއިކުރި ދުވަހުން ފެށިގެން އެއް މަސް ދުވަސް ތެރޭ ހުއްޓައިލަން ޖެހެއެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލުން އެއްވެސް އަގެއް ނެގުމަކާނުލައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތަށް ބޭނުންވާނެ ވޯކް ސައިޓާއި އޮފީސް ސްޓޭމްޕްސް އެޗްޑީސީން ސިޓީ ކައުންސިލަށް ބޭނުންކުރުމަށް ދޫކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެ އެމްއޯޔޫގައި ސޮއިކުރިތާ ދެ އަހަރާއި ހަތަރު މަސް ވީ އިރު، ކައުންސިލުގެ ދަށަށް ރަށްވެހި ޚިދުމަތްތައް އަދިވެސް ބަދަލުކޮށްފައި ނެތެވެ. ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުން ގާނޫނީގޮތުން އޮންނަނީ ކައުންސިލާ މަތިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ