ހޮހޮޅައަށް ގޮސް ގެއްލުނު ފީނުންތެރިން ނަގަން އެހީތެރިވާ ފިންލެންޑުގެ ޓީމު ރާއްޖެ އަތުވެއްޖެ

ވާވު އަތޮޅު ދެވަނަ ކަނޑުގަައި އޮންނަ ހޮހޮޅަައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް ނުފެނިވާ ހަތަރު މީހުން ހޯދަން ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވާ ފިންލެންޑުގެ ކޭވް ޑައިވް ސްޕެޝަލިސްޓުންގެ ޓީމު މިއަދު ރާއްޖެ އަތުވެއްޖެ އެވެ. 
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާ ހަވާލާދީ މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުގެ ހެނދުގެ ވަގުތެއްގައި އެ ޓީމުގެ މެންބަރުން ރާއްޖެ އައިސް، ސިފައިންގެ ޓީމާ ވަނީ ބައްދަލުކޮށްފަ އެވެ. ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ، އަލުން އޮޕަރޭޝަން ފަށާނެ ވަގުތެއް ނޫނީ މަސައްކަތް ރޭވިފައިވާ ގޮތުގެ އިތުރު ތަފުސީލުތަކެއް ނުލިބެ އެވެ. 
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑައިވަރުންގެ ތެރޭގައި ނޯވޭގެ ޕްލޫރާ ކޭވުގައި ތާށިވީ ފިންލެންޑުގެ ދެ ޑައިވަރުންގެ ހަށިގަނޑު ނަގަން ހިންގި ނުރައްކާތެރި އޮޕަރޭޝަނުގައި ބައިވެރިވީ ޑައިވަރުން ވެސް ހިމެނެ އެވެ. 
މި އިޓަލީ ޑައިވަރުންގެ ޓީމުން ދެވަނަ ކަނޑަށް ފީނަން އެރުނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި ޑައިވަރުން ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ލިބުނީ އެ ދުވަހުގެ މެންދުރު 13:45 ހާއިރުގަ އެވެ. 
ސަފާރީތަކުގައި މަސައްކަތް ކުރާ ޑައިވަރުން ވެސް ހިމަނައިގެން އެމްއެންޑީއެފްއިން ފެށި ރެސްކިއު އޮޕަރޭޝަނުން ހޯދި ފުރަތަމަ ޑައިވަރު، އަދި މިހާތަނަށް ހަށިގަނޑު ނެގުނު ހަމައެކަނި ޑައިވަރު، ފެނުނީ ފަސް ގަޑިއިރު ފަހުން 18:13 ހާއިރެވެ. އޭނާ ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހޮޅައިގެ ތެރެއިންނެވެ. 
އެ ފަހުން ފީނައިގެން އިތުރު ޑައިވަރެއްގެ ހަށިގަނޑު ނުފެނިގެން އުޅެނިކޮށް، އިއްޔެގެ ވަގުތެއްގައި މި އޮޕަރޭޝަނުގައި ބައިވެރިވި، މުހައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. މަހުދީ ނިޔާވީ ފަހުން އެމްއެންޑީއެފްއިން ވަނީ އޮޕަރޭޝަން މެދުކަނޑާލާފަ އެވެ. 
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، ސަރުކާރުން ބުނަމުން އަންނަނީ މިކަން ހިނގައިދިޔަ ގޮތެއް ބަލަން ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ. ނަމަވެސް މި ވަގުތު ފޯކަސްއަކީ، ގާތްގަނޑަކަށް 200 ފޫޓަށް ދެމިގެންދާ މި ހޮހޮޅަތަކުގެ ތެރޭގައި ތާށިވެފަ ތިބި ޑައިވަރުން ނެގުމެވެ.
މި ހާދިސާއަކީ މުޅި ދުނިޔެއަށް ބެލި ކަމުގައި ވިޔަސް، ޑައިވް ކުރަން އުޅެނިކޮށް އެއް ފަހަރާ އެންމެ ގިނަ ބަޔަކު މަރުވީ ހާދިސާ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ