ގުޅުންތައް ވަރުގަދަކުރުމަށާއި ކުށްތައް ހުއްޓުވުމަށް ޕޮލިސް ކޮމިޝަނަރު މިސްރަށް ފުރާވަޑައިގެންފި

ދިވެހިރާއްޖެއާއި މިސްރާ ދެމެދު ސަލާމަތީ ގޮތުން އޮންނަ ގުޅުން ހަރުދަނާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށްޓަކައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިސްރަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.
ފުލުހުން ބުނީ މިސްރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމުކޮށްގެން 2026 މޭ 17 އިން 21 އަށް ކުރިއަށްގެންދާ މި ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި، މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ޕޮލިސް ކޮމިޝަނަރ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި ދިވެހި ފުލުހުންނަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ