ބީއެމްއެލްގެ މާލީ ނަތީޖާއަށް ބޭރު އިންވެސްޓަރުންގެ ތައުރީފު؛ ސުކޫކަށް ޝައުގުވެރިކަން

ޑޮލަރުގެ ތާށިކަން ހައްލުކޮށް ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ވިއްކަން މަސައްކަތްކުރާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ބޭރުގެ ބޮޑެތި އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ސުކޫކު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކުމަށް އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑު މެނޭޖަރުންނާ ބައްދަލުކޮށް، މާކެޓުގެ ޝައުގުވެރިކަން ހުރި މިންވަރު ބެލުމަށްޓަކައި ބޭރުގެ އިންވެސްޓަރުންނާ ބައްދަލުކުރަން ބީއެމްއެލްއިން ވަނީ އޭޕްރީލް 29 - މެއި 8ގެ ނިޔަލަށް ހޮންކޮންގް، ލަންޑަން އަދި ސިންގަޕޫރުގައި 'ނޮން-ޑީލް ރޯޑް ޝޯ'ތަކެއް ބާއްވާފަ އެވެ.
މިއީ ބީއެމްއެލްއިން މިފަދަ ހަރަކާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ތަފްސީލު - ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއީ ކާމިޔާބު ރޯޑް ޝޯތަކެއް ކަމަށެވެ.
އެ ރޯޑް ޝޯގައި އެޕޮއިންޓްމަންޓު ހައްދައިގެން ސިންގަޕޫރު، ލަންޑަން އަދި ހޮންކޮންގްގެ ބޮޑެތި އިންވެސްޓަރުންނާ ބައްދަލުކުރިއިރު، ޔޫއޭއީގެ އިންވެސްޓަރުންނާ ވާޗުއަލްކޮށް ވަނީ ބައްދަލުކޮށްފަ އެވެ. ޝަރީފް ވިދާޅުވީ އެ ހުރިހާ ފަރާތްތަކުން ވެސް ބަލަނީ ބީއެމްއެލް އާއި އެ ބޭންކުގެ ބެލެންސް ޝީޓު ވެސް ވަރަށް ރަނގަޅު ކަމަށެވެ.
"ހަމަ ވަރަށް ރަނގަޅު އެ ބޭފުޅުންގެ ޝައުގުވެރިކަން ހުރި ގޮތް. އަޅުގަނޑުމެންނަށް ލިޔުމުން ވެސް ލިބިފައި އެބަހުރި އެ ބޭފުޅުން މީގައި އަޅުގަނޑުމެންގެ ސުކޫކަށް ހުޅުވާލީމަ ބައިވެރިވެ، އިންވެސްޓު ކުރާނެ ކަމުގެ ޔަގީންކަން،" އޭނާ ވިދާޅުވި އެވެ.
ސުކޫކަކަށް ހުޅުވާލައިގެން ފައިސާ ހޯދުމުގެ މަގްސަދަކީ، ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ވިޔަފާރި ފުޅާކޮށް، ފަތުރުވެރިކަމާއި އެހެން ސިނާއަތްތަކުގައި އުޅޭ ވިޔަފާރިތަކަށް އިންވެސްޓުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ