ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދެ މުވައްޒަފަކު ބަޑިޖަހައި މަރާލައިފި

ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ކޮލަމްބިއާގައި މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ދެ ހަފްތާއަށް ވެފައިވަނިކޮށް، ރައިޓް-ވިންގް ރިޔާސީ ކެންޑިޑޭޓް އަބެލާޑޯ ޑެ ލާ ސްޕްރިއެއްލާގެ ކެމްޕޭނުގައި ހަރަކާތްތެރިވި ދެ މުވައްޒަފަކު ބަޑިޖަހައި މަރާލައިފިއެވެ.
ކޮލަމްބިއާގެ މެދުތެރޭގެ މެޓާ ޑިޕާޓްމަންޓްގައި ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މަރުވެފައިވަނީ ކުބައްރާލް ސިޓީގެ ކުރީގެ މޭޔަރު ރޮޖާސް މައުރީސިއޯ ޑެވިއާ ސްކޯބާ އާއި، އޭނާގެ އެޑްވައިޒަރު އޭދަރ ފަބިއާން ކާޑޯނާ ލޯޕޭޒް ކަމަށް އެ ޤައުމުގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮމްބަޑްސްމަން އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. ކެންޑިޑޭޓް އެސްޕްރިއެއްލާ ވިދާޅުވި ގޮތުގައި މި ހަމަލާދީފައިވަނީ މޮޓޯސައިކަލެއްގައި އައި ހަތިޔާރު އެޅި ބަޔެކެވެ.
މި ހަމަލާއާ ގުޅިގެން ކެންޑިޑޭޓް އެސްޕްރިއެއްލާ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުވި ދެ މުވައްޒަފުންނަކީ ޑިމޮކްރަސީއާއި މިނިވަންކަމުގެ ދިފާޢުގައި މަސައްކަތްކުރި ބައެއް ކަމަށާއި، އެމީހުން ކުރި ހަމައެކަނި ކުށަކީ ޤައުމަށް އިޚްލާޞްތެރިވެ އަނިޔާވެރިންގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހުން ކަމަށެވެ.
މި ހަމަލާ ހިނގި މެޓާ ސަރަޙައްދަކީ ގިނަ ދުވަސްތަކެއް ވަންދެން ހަތިޔާރު އެޅި ޖަމާޢަތްތަކާއި ކޮކެއިން ޓްރެފިކިންގެ ހަރަކާތްތައް ވަރުގަދައަށް ހިނގަމުންދާ ސަރަޙައްދެކެވެ.
ކޮލަމްބިއާގެ ފުރަތަމަ ލެފްޓިސްޓް ލީޑަރު ގުސްޓާވޯ ޕެޓްރޯގެ ވެރިކަން ބަދަލުކުރުމަށް ބާއްވާ މި ފަހަރުގެ އިންތިޚާބީ ކެމްޕޭނުގެ މައިގަނޑު މައުޟޫއަކަށް ވެފައިވަނީ ވެސް ޤައުމުގައި ކުށްތައް އިތުރުވުމާއި އަމަންއަމާންކަން ގެއްލިފައިވާ މައްސަލައެވެ.
ކޮލަމްބިއާގައި ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވެފައިވާއިރު، މިއީ މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. އެގޮތުން މިދިޔަ އަހަރު، ކެންޑިޑޭޓް ސެޕޭޑާގެ ރަނިންމޭޓް އަދި އިންޑިޖިނަސް އެކްޓިވިސްޓް އައިޑާ ކިލްކުއޭ ވަނީ ފާކް (FARC) ޖަމާޢަތުން ވަކިވި ހަތިޔާރުއެޅި ގުރޫޕަކުން ކުރު މުއްދަތަކަށް ރަހީނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ