ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސްގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބައިނަލްއަގުވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.
މިހާތަނަށް މި ބަލިޖެހިގެން 80 މީހުން މަރުވެ، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ކޭސް ފެނިފައިވާއިރު، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސުސް ވިދާޅުވީ ބަލިޖެހިފައިވާ މީހުންގެ އަސްލު އަދަދާއި ބަލި ފެތުރިފައިވާ ސަރަހައްދުތަކާ ގުޅެ ގޮތުން ނޭނގޭ ކަންކަން އެބަހުރި ކަމަށެވެ.
ކޮންގޯގައި މިހާރު ފެތުރެމުންދަނީ އެބޯލާގެ ”ބުންޑިބުގްޔޯ“ ވައިރަސް ސްޓްރެއިންއެވެ. މިއީ އެއްވެސް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައިނުވާ ނުރައްކާތެރި ވައިރަހެކެވެ. މި ވައިރަސް ކޮންގޯގެ ބޯޑަރު ހުރަސްކޮށް އަވަށްޓެރި ޔުގެންޑާއަށްވެސް ފެތުރިފައިވާއިރު، ޔުގެންޑާއިން ބަލި ޖެހުނު 59 އަހަރުގެ ފިރިހެނަކު ބުރާސްފަތި ދުވަހު ވަނީ މަރުވެފަ އެވެ.
ޑަބްލިޔުއެޗްއޯ އިން ބައިނަލްއަގުވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް މި ބަލިމަޑުކަން އަދި ބޮޑު ބަލިމަޑުކަމެއްގެ ދަރަޖައަށް ފެތިގެން ނުދާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ކޮންގޯ އާއި ޔުގެންޑާގައި އެބޯލާ ފެތުރެމުންދާތީ ޑަބްލިޔުއެޗްއޯ އިން ވަނީ ކޮންގޯ އާއި ޔޫގެންޑާ ގުޅިގެން ކުއްލި ހާލަތުގެ އޮޕަރޭޝަން ސެންޓަރުތަކެއް ހަދައި، ބަލިޖެހޭ މީހުން ދެނެގަނެ މޮނިޓާކުރުމަށް އިރުޝާދު ދީފަ އެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލިޖެހިފައިވާ މީހުން ވަގުތުން އެކަހެރިކޮށް، 48 ގަޑިއިރުގެ ތެރޭގައި ހަދާ ދެ ޓެސްޓު ނެގެޓިވް ވަންދެން ފަރުވާދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، ބަލި ފެތުރިފައިވާ ސަރަހައްދުން ބޭރުގެ ގައުމުތަކުން ބޯޑަރުތައް ބަންދުކޮށް ވިޔަފާރިއާއި ދަތުރުފަތުރު ހުއްޓާނުލުމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ގޮވާލައިފަ އެވެ.
އެބޯލާ ވައިރަހަކީ 1976 ވަނަ އަހަރު ކޮންގޯއިން ފުރަތަމަ ފެނުނު ބައްޔެކެވެ. މިއީ ލޭގެ ޒަރީއާއިންނާއި ސީދާ ކޮންޓެކްޓުން ފެތުރޭ އަދި އެތެރެހަށިން ލޭއައިސް ގުނަވަންތައް ފެއިލްކޮށްލާ ނުރައްކާތެރި ބައްޔެކެވެ. ބަލީގެ ކުރީކޮޅު ހުންއައުމާއި ގައިގާ ރިއްސުމާއި ވަރުބަލިވުން ފަދަ އަލާމާތްތައް ފެނުމަށްފަހު ހޮޑުލުމާއި ބޭރަށްހިންގުން ކުރިމަތިވެ އެވެ. މި ބަލީގައި މަރުވާ ނިސްބަތް 50 ޕަސެންޓަށް އަރާއިރު، ފާއިތުވި 50 އަހަރުގެ ތެރޭގައި އެފްރިކާގެ ގައުމުތަކުން އެބޯލާ ޖެހިގެން 15،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އެބޯލާގެ ނުރައްކާ ބޮޑުވެ، ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ