ކަނޑުގެ ލޮނުގަނޑު ހޫނުވެ، ރާއްޖޭގެ މުރަކަތަކާއި ގާތައް އަނެއްކާވެސް ހުދުވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދުވަސްކޮޅު ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ކުލަ ގެއްލި، ރީތިކަން ގޮސްފައިވާ އެކި މުރަކަތަކާއި ގަލުގެ ފޮޓޯ އާއްމުކުރަމުންނެވެ. މި ބަދަލު ދުނިޔޭގެ އެކި ފަރުތަކުން މިހާރު ދަނީ ފެންނަމުންނެވެ.
"މިއީ މީގެ ދެ ދެ ހަފުތާއެއްހާ ދުވަސްކުރިން ހަމަ ގަދަ މުށިކުލައިގައި ހުރި ގާތަކެއް. މިހާރު ބަލާ މިހިރީ އެއްކޮށްހެން ހުދުވެފައި،" ހުދުވެފައިވާ ގާތަކުގެ ފޮޓޯއެއް ދައްކާލަމުން، ތަޖުރިބާކާރު ޑައިވަރު ހުސެއިން ރަޝީދު (ސެންޑީ) ވިދާޅުވި އެވެ.
މުރަކައިގެ ޓިޝޫތަކުގައި ދިރިއުޅޭ އަލްގީ، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މާ ބޮޑަށް މަތިވުމުން، މުރަކައިން ބޭރުކޮށްލަ އެވެ. މުރަކައަށް އޭގެ ގަދަ ކުލަތައް ލިބެނީ މި އަލްގީގެ ސަބަބުން ކަމަށް ވުމުން، އަލްގީތައް ބޭރުވުމާ އެކު މުރަކައިގެ ކުލަ ގެއްލި، ހުދުވެ އެވެ. މިއީ 'ކޮރަލް ބްލީޗިން' ނުވަތަ ގާ ހުދުވުމެވެ.
ހުސެއިން ރަޝީދު ވިދާޅުވީ މީގެ ކުރިން އެންމެ ގިނައިން ފެންނަނީ، ގޮފިގޮތްޕަށް ހެދިފައި ހުންނަ މުރަކަ ނުވަތަ ބްރާންޗިން ކޮރަލް ހުދުވާތަން ކަމަށާއި، އެކަމަކު މި ފަހަރު، ބޮޑެތި ހިރިގާތައް ހުދުވެފައިވާ ތަން ފެންނަ ކަމަށެވެ. ފަރުމައްޗާއި ޑައިވްކުރާއިރު ވެސް އެ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާ ހުދުވުމުން މުރަކަ ވަގުތުން މަރެއް ނުވާނެ އެވެ. ފިނިހޫނުމިން ރަނގަޅު މިންވަރަކަށް ތިރިވެއްޖެ ނަމަ، މުރަކައިގެ ޓިޝޫތަކަށް އަލްގީ ވަދެ، މުރަކަތައް ސަލާމަތްވާނެ އެވެ.
އެކަމަކު މައްސަލައަކަށް ވަނީ، އަވަސް އަވަހަށް މިކަން ކުރިމަތިވުމާއި ހޫނު ދުވަސްތައް ދިގުލައިގެން ދިޔުމެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ މީގެ ބޮޑު ހާދިސާއެއް ކުރިމަތިވީ 1989 އާއި 1988ގަ އެވެ. އޭގެ ފަހުން ކޮންމެ 10 އަހަރަކުން ގުދުރަތީ މި ފިނޯމިނާ ފެނެ އެވެ. އެކަމަކު ފަހުން އައިސް، ކޮންމެ ފަސް އަހަރަކުން ނޫނީ ތިން އަހަރަކުން އަދި މިހާރު ކޮންމެ އަހަރެއްގައި ކަހަލަ ގޮތަކަށް މި މައްސަލަ ކުރިމަތިވެ އެވެ.
އޭގެ ސަބަބުން މުރަކަތައް އަލުން އާލާވުމުގެ ފުރުސަތު ނުލިބި، އެއްކޮށް ދަނީ މަރުވަމުންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، އޭގެ އެންމެ ބޮޑު ސަބަބަކީ ބިން ހިއްކުމާއި ފަޅުކޮނުން ފަދަ މަޝްރޫއުތަކެވެ. މެރިން ރިސާޗު ސެންޓަރުން ކުރިން ނެރެފައިވާ ރިޕޯޓުތަކުގައި ވެސް މި ފަދަ މަޝްރޫއުތަކާ ގުޅިގެން ހާލަތު ގޯސްވެފައިވާކަން ހިމަނާފައިވެ އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑަށް ގާހުދުވެފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ދިޔައީ ބިންހިއްކުމާއި ފަޅުކޮނުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.
މި ފަހަރު ވެސް ވަނީ، މި މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އޮތުމުން، ސަރުކާރުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކާއި ގުޅުން ހުރި އެ ފަދަ މަސައްކަތްތައް މެދުކަނޑާލުމަށް އެދިފަ އެވެ.
ކަނޑުގެ ލޮނުގަނޑު ހޫނުވެ، މުރަކަތައް ހުދުވަމުންދާ މި ދުވަސްވަރު، ވެލިނަގައި، ބިން ހިއްކާ ނަަމަ، ކަނޑުގެ ސަރަހައްދުތައް ކިލަނބުވެ ކިސަޑުވެ އެވެ. އޭގެ ސަބަބުން މުރަކަތައް ބަލިކަށިވެފައިވާ މިދަނޑިވަޅު ފަރުތަކުގެ ހާލަތު އިތުރަށް ގޯސްވެ އެވެ.
މުރަކަތަކުގެ ކުލަ ގޮސް، ރީތިކަން ގެއްލެން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ